ގައުމީ ސަލާމަތް ރައްކާތެރިކުރުމުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި
ގައުމީ ސަލާމަތް ރައްކާތެރިކުރުމުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާކޮށްފައިވަނީ ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާ، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ.
މި މަޝްވަރާގެ ބައްދަލުވުމުގައި ވަނީ ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ވަކިން ހާއްސަކޮށް ގައުމީ ސަލާމަތް ރައްކާތެރިކުރުމުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
އަދި މީގެ އިތުރުން، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާއި، މައުލޫމާތު ބަދަލުކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި، ދާއިރާއާ ގުޅުންހުރި ތައުލީމީ އަދި ތަމްރީނު ފުރުސަތުތައް ފަހިކުރުމާ ބެހޭގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވިއެވެ.
އަލަށް ކުރިމަތިވަމުންދާ ސަލާމަތީ ނުރައްކާތަކުން ރައްކާތެރިވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި އިހުތިރާމުގެ ޒިޔާރަތަކީ އަލަށް އައްޔަންކުރެވުނު ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި ތައާރަފުވުމުގެ ގޮތުން ކުރެއްވި ޒިޔާރަތެކެވެ. މި ބައްދަލުވުމުގައި، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރެއްވިއެވެ.
