ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދު "އިންޓަރނޭޝަނަލް ވިއެންނާ އެނަރޖީ އެންޑް ކްލައިމެޓް ފޯރަމް" ގައި ބައިވެރިވެވަޑައިގެންފި

އޮސްޓްރިއާގެ ވިއެންނާގައި ބޭއްވުނު "އިންޓަރނޭޝަނަލް ވިއެންނާ އެނަރޖީ އެންޑް ކްލައިމެޓް ފޯރަމް" (IVECF) ގައި ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޑރ. މުޢާވިޔަތު މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މި ފޯރަމްގެ ތެރެއިން ކުރިއަށްދިޔަ "ރެސިލިއަންޓް ރިނިއުވަބަލް އެނަރޖީ ސިސްޓަމްސް ފޯ ކްލައިމެޓް ސެކިއުރިޓީ އިން ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް" (ސިޑްސް) ވަށްމޭޒު މަޝްވަރާގައި ސްޓޭޓް މިނިސްޓަރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ސެޝަންގައި، ކުދި ޖަޒީރާ ޤައުމުތަކުގެ މޫސުމީ ރައްކާތެރިކަމަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ ވަރުގަދަ ނިޒާމްތަކެއް ބިނާކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މި ފޯރަމަކީ ދެމެހެއްޓެނިވި ހަކަތައާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން "ގްރީން އިންޑަސްޓްރިއަލައިޒޭޝަން" ނުވަތަ ތިމާވެއްޓާ ރައްޓެހި ސިނާޢީ މަސައްކަތްތަކުގެ ޙައްލުތައް ދައްކާލުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ. މިކަމުގެ ސަބަބުން ހަމަނުޖެހުންތައް ހުއްޓުވުމަށާއި، ފަރަގުތައް ކުޑަކުރުމަށާއި، އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު މަދުކުރުމުގެ އިތުރުން ޒުވާނުންނަށް ވަޒީފާގެ އައު ފުރުޞަތުތައް އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ.
