މިނިސްޓަރު ޠާރިޤް އެންބީއޭއެމް އަދި އެންއެޗްޖީއޭއެމްއާ ބައްދަލުކުރައްވައިފި

މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކޮށްފާނެ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި، މިނިސްޓަރު ޠާރިޤް އިބްރާހީމް ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އަދި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މެދުއިރުމަތީގެ ހާލަތު ބަދަލުވަމުންދާ ގޮތުން، ރާއްޖޭގެ ސަފާރީ އުޅަނދުތަކާއި، ހޮޓާތަކާއި، އަދި ގެސްޓްހައުސް ސިނާއަތަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ ބެހޭގޮތުންނެވެ. ވަކިން ހާއްސަކޮށް، މިފަދަ ހާލަތްތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަށްގެންދިއުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ގޮތްތަކާ ގުޅޭގޮތުން ދެ ފަރާތުގެ މެދުގައި ފުޅާދާއިރާއެއްގައި ވާހަކަދެކެވުނެވެ.

މިނިސްޓަރު ޠާރިޤް ވަނީ މި ހާލަތުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ބޭރުގެ މަސްރަހަށް އަންނަ ބަދަލުތަކާއެކު އުފެދޭ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ސަރުކާރާއި އަމިއްލަ ޖަމިއްޔާތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ގާތުން މަސައްކަތްކުރުމަށް މި ބައްދަލުވުމުގައި އެއްބަސްވެފައިވެއެވެ.
މި ބައްދަލުވުމަކީ ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ކުރިއަށްގެންދެވުނު މުހިންމު ބައްދަލުވުމެކެވެ.
