logo
banner image

އަޙްމަދު މުޙައްމަދު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރައްވައިފި

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަޙްމަދު މުޙައްމަދު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އަޙްމަދު މުޙައްމަދު އައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1995 ވަނަ އަހަރުއެވެ. ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި 30 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި، އެ މުއައްސަސާގެ ތަފާތު އެކި ދާއިރާތަކުގައި އޭނާ ވަނީ އިސް މަގާމުތަކެއް ފުރުއްވާފައެވެ.

މީގެ ތެރޭގައި އޮޕަރޭޝަނަލް، ތަހުގީގީ، އަދި އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހާތަކުގެ އިސްވެރިއެއްގެ ގޮތުގައި ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކޮށްލެވެއެވެ. ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް މިއަދު އައްޔަންކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ ހެޑް އޮފް ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ މަގާމުގައެވެ.