logo
banner image

ކުޅުދުއްފުށި ސިޓީގައި ގާއިމުކުރާ ސޯލާ ޕީވީ ނިޒާމާއި ގުޅޭގޮތުން ރައްޔިތުންނާއި އެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފި

ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓް އިން ކުރިއަށްގެންދާ އެސްޕަޔަރ (ASPIRE) އަދި އެރައިޒް (ARISE) މަޝްރޫޢުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ގާއިމުކުރާ ސޯލާ ޕީވީ ނިޒާމާއި ގުޅޭގޮތުން އާންމުންނާ މަޝްވަރާކުރުމުގެ ބައްދަލުވުންތަކެއް މި ހަފުތާގައި އެ ސިޓީގައި ބާއްވައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީގައި 1.5 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތަ އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުމަށްޓަކައި 2 މެގަވޮޓްގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް ގާއިމުކުރުމާއި، ރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

ކަރަންޓު ވިއުގަ ވަރުގަދަކުރުމުގެ މަސައްކަތުގެ ތެރެއިން، މިހާރު ބޭނުންކުރަމުންދާ ކޭބަލްތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މި ހަފުތާގައި ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކުގެ މައިގަނޑު މަގުސަދަކީ، ކޭބަލް ވަޅުލުމަށް މަގުތައް ކޮނުމުގެ ތެރޭގައި އާންމުންނަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމާއި، އެފަދަ އުނދަގޫތައް ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހިއްސާކުރުމެވެ.

މި ބައްދަލުވުމުގައި، މަޝްރޫޢާ ގުޅިގެން އާންމުންގެ ހުރި ޝަކުވާތައް ހުށަހެޅުމަށާއި އެކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ގާއިމުކޮށްފައިވާ 'ގްރީވަންސް ރެޑްރެސް މެކޭނިޒަމް' އާ ބެހޭގޮތުންވެސް ބައިވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ.

މި ބައްދަލުވުންތަކުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މެންބަރުންނާއި، އެ ސިޓީގައި ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.