logo
banner image

ގްރީން ކްލައިމެޓް ފަންޑަށް ހުށަހަޅާނެ މަޝްރޫއުތައް ކަނޑައެޅުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ގްރީން ކްލައިމެޓް ފަންޑު (ޖީ.ސީ.އެފް) މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ މޫސުމީ މާލީ އެހީތެރިކަން ހޯދުމަށް ހުށަހަޅާނެ މަޝްރޫއުތައް ފަރުމާކުރުމާ ގުޅޭ މުހިންމު މަސައްކަތު ބައްދަލުވުމެއް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން މިއަދު ބާއްވައިފިއެވެ.

"މޯލްޑިވްސް ކަންޓްރީ ޕައިޕްލައިން ޓު ދަ ގްރީން ކްލައިމެޓް ފަންޑް: އިނީޝިއަލް ޕްރޮޖެކްޓް އައިޑިއޭޝަން ވޯކްޝޮޕް" ގެ ނަމުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖޭގެ ޤައުމީ ފެންވަރުގައި ހުރި އިސްކަންދޭ ކަންކަން، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ބަލައިގަންނަ ފަދަ ތަރުތީބުކުރެވިފައިވާ މަޝްރޫއުތަކަކަށް ބަދަލުކުރުމެވެ.

މި މަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ އެކި ވުޒާރާތަކުން ބައިވެރިވެ، ރާއްޖޭގެ "ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަންސް" (އެން.ޑީ.ސީ) ގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޖީ.ސީ.އެފްގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. މީގެ ސަބަބުން، މޫސުމީ ކަންކަމަށް ފައިސާ ހޯދުމަށް ކުރެވޭ ރޭވުންތައް އިތުރަށް ހަރުދަނާވެ، ބައިނަލްއަޤްވާމީ ފަންޑުތަކަށް ރާއްޖެއިން އޮތް ތައްޔާރީތައް ވަރުގަދަވެގެންދާނެއެވެ.

މި ބައްދަލުވުމުން ހާސިލުވި މައިގަނޑު ނަތީޖާތަކުގެ ތެރޭގައި، ރާއްޖެއަށް އެންމެ ބޭނުންތެރި މޫސުމީ މަޝްރޫއުތަކުގެ ޚިޔާލުތައް އެކުލަވާލުމާއި، އެކި ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުން ހިމެނެއެވެ. އަދި ރާއްޖޭގެ އަމިއްލަ މިލްކުވެރިކަން އޮތް، ދިގު މުއްދަތުގެ ނަތީޖާ ނެރެދޭނެ މޫސުމީ މަސައްކަތްތަކުގެ ޗާޓެއް (ޕައިޕްލައިން) އެކުލަވާލުމަށް ބޭނުންވާ މުހިންމު ފިޔަވަޅުތައްވެސް ވަނީ ކަނޑައަޅާފައެވެ.

މި މަސައްކަތަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ ކުޑަކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެއެވެ.