ރާއްޖޭގައި 'ގްރީން ހައިޑްރޮޖަން' ބޭނުންކުރުމާ ގުޅޭ ފީޒިބިލިޓީ ސްޓަޑީގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
ދިވެހިރާއްޖޭގައި 'ގްރީން ހައިޑްރޮޖަން' (GH₂) އުފެއްދުމާއި ބޭނުންކުރުމުގެ ގާބިލުކަން ހުރި މިންވަރު ދެނެގަތުމަށް ހަދާ ފީޒިބިލިޓީ ސްޓަޑީއާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

މި ބައްދަލުވުމަކީ ޔޫއެންއީޕީ ކްލައިމެޓް ޓެކްނޮލޮޖީ ސެންޓަރ އެންޑް ނެޓްވޯކް (CTCN) އިން ހަވާލުކޮށްގެން، ޔޫރަޕިއަން ޔޫނިއަން (EU) ގެ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް ޓޫރިޒަމް އަދި އެންވަޔަރަންމަންޓަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ތިމާވެއްޓާއި އިގްތިސާދީ ހާލަތަށް ބަލައި، ގްރީން ހައިޑްރޮޖަން ބޭނުންކުރެވިދާނެ ދާއިރާތަކާއި އެކަމުގެ މުހިންމުކަން ދެނެގަތުމެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ރާއްޖޭގައި ސާފު ހަކަތައަށް ބަދަލުވުމަށް ކުރާ މަސައްކަތުގައި ގްރީން ހައިޑްރޮޖަންގެ ދައުރާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައެވެ. މިގޮތުން، މިކަން ތައާރަފުކުރުމަށް ބާރުއަޅާ ކަންކަމާއި، ކުރިމަތިވެދާނެ ގޮންޖެހުންތަކުގެ އިތުރުން، ރާއްޖޭގެ ގައުމީ ފެންވަރުގައި މިކަމުން ލިބެން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވަނީ މައުލޫމާތު ބަދަލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ހަކަތައިގެ ދާއިރާ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ދެއްވާ އަހަންމިއްޔަތުގެ ދަށުން، މިފަދަ ދިރާސާތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
