މަސްތުވާތަކެތީގެ ފަރުވާ އަމިއްލަ ފަރާތްތަކަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ކަންކަން ކުރިއަށް އެބަދޭ: ވަޒީރު
މަސްތުވާތަކެތީގެ ފަރުވާ އަމިއްލަ ފަރާތްތަކަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ކަންކަން މި އަހަރުގެ ތެރޭގައި ނިމިގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދީ، ހެޔޮގޮތުގައި މުޖުތަމަޢަށް އަނބުރާ ރުޖޫޢަވެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަކީ ރައީސް ޑރ. މުޢިއްޒު ވަރަށް ޚާއްސަ އިސްކަމެއްދެއްވާ ކަމެކެވެ. މިގޮތުން، ޑްރަގް ރީހެބިލިޓޭޝަން ފަރުވާގެ ތެރޭގައި، ދީނީގޮތުން ފިލާވަޅުތައް ނަގައިދިނުމުގެ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދާދި ފަހުން ވަނީ ދެއްވާފައެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ ތެރެއިން ނޭޝަނަލް ޑްރަގް އެޖެންސީގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި މިއަހަރުގެ ތެރޭގައި މަސްތުވާތެކީގެ ފަރުވާ އަމިއްލަ ފަރާތްތަކަށް ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
އަމިއްލަ ފަރާތްތަކަށްވެސް ބައިނަލްއަގުވާމީ މިންގަަނޑުތަކާ އެއްގޮތަށް މި ފަރުވާ ދެވޭނެ ފުރުސަތު ރާއްޖޭގައި ހޯދުން. އެއީ ޕޭ ކޮށްގެންވެސް އެންމެ ކޮލިޓީ ފަރުވާ ބޭނުންވާ ފަރާތްތައް އެބަތިބި. އެހެންނަމަވެސް ސަރުކާރުގެ މި ވަގުތުގެ އިންފްރާސްޓްރަކްޗަރ އަދި އަޅުގަނޑުމެންނަށް އެ ލެވެލްގެ ފަރުވާއެއް ނުދެވޭ. އެހެންވީމަ އަޅުގަނޑުމެން ޕްރައިވެޓް ސެކްޓަރއަށްވެސް މި ހުޅުވާލަނީ އަދި ބޭރުގެ ފަރާތްތަކަށްވެސް މި ހުޅުވާލަނީ ރާއްޖެއަށް އައިސް މި ފަރުވާދޭން. ވަޒީރު
ވަޒީރު ވިދާޅުވީ އެންޑީއޭއަށް ހުޅުމާލެއިން ލިބިފައިވާ ބިމުގެ އިތުރުން ގްރީންގެވެސް ތަރައްގީ ކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
އިރާދަކުރެއްވިއްޔާ ޑްރަގަށް މިއޮތް މައްސަލައާ އެއްވަރަށް ހައްލު ގެނައުމަށް ބޭނުންވާ ރިހެބިލިޓޭޝަނަށް ބޭނުންވާ ސެޓަޕް އަޅުގަނޑުމެން މި އަހަރުގެ ތެރޭގައި ގެނެސްދޭނަން. ވަޒީރު
މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ތެރެއިން، އެ ތަކެތީގައި ވަކި ބަރުދަނެއް ހަމަވާ މައްސަލަތަކުގައި، ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން ޙުކުމްކުރާ ހާލަތުގައި މަރުގެ އަދަބު ދިނުން ހިމެނޭހެން ބޮޑެތި އަދަބުތައް މިހާރު ވަނީ ކަނޑައަޅާފައެވެ.
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް މުހިންމު ބޮޑެތި އިޞްލާޙުތަކެއް ގެނެސްފަވާއިރު މި އިސްލާހުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުވާނީ މުޅި ދައުލަތް ހިމެނޭހެން މަސައްކަތް ކޮށްގެން ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތުގައި ސަރުކާރުގަ އޮތީ ހެޔޮ ނިޔަތެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ޑްރަގުގެ މައްސަލަތަކުގައި ޖަލުގައި ތިބި މީހުންނަށް އަފްއާމް ދިނުމުގެ ކަންކަން އުނިކޮށްފަ އޮތްއޮތުމުން ހާމަވަނީ މި މައްސަލަ ހައްލުކުރުމަށް ރައީސް ބޭނުންފުޅުވާ މިންވަރު ކަމަށެވެ.
ރައީސްގެ އަތްޕުޅުގަ އޮންނަ ބޮޑެތި ބާރުތައްވެސް ދޫކޮށްލައްވައިގެން ދިވެހި ރައްޔިތުންނަށްޓަކައި މިކަން ހައްލުކޮށްދެއްވުމަށް ބޭނުންފުޅުވާ ރައީސް އެއް އަދުގެ ރައީސް ޑރ. މުޢިއްޒަކީ. އަޅުގަނޑުމެންނަށް މިއަދު އޮތް ޔަގީން ކަމަކީ މިކަން ހައްލުކުރެވިދާނެކަން. ކުރީ ސަރުކާރުގަ ނެތް އެ ކޮމިޓްމެންޓެއްވެސް. މިހާރަކު އެއްވެސް މީހަކަށް ނުކެރޭނެ ޖަލުގަ އޮންނަ މީހެއް ދޫކޮށްލަން ރައީސްގެ އަރިހުގަ އެދޭކަށް. އަދި އަޅުގަނޑަށާ ސީޕީއަށްވެސް އެ ކޯލު ނާންނާނެ ކަމުގެ ޔަގީކަން މިއަދު އޮވޭ. ވަޒީރު
މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށްޓަކައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް މިހާރު ވަނީ ދީފައެވެ.
އަދި ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި، އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލުވެސް، މި އިޞްލާޙުގެ ތެރެއިން މުރާޖަޢާކޮށްފައިވެއެވެ.
