logo
banner image

ކުށުން ރައްކާތެރިކުރުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުޅުދުއްފުށީގަ

ކުށުން ރައްކާތެރިކުރުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންގޮސްފިއެވެ.

މިމަހުގެ 8ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ ޕޮލިހުގެ ނެއިބަހުޑް އޮފިސަރުން ކުރިއަށްގެންދިޔަ މިހަރަކާތަކީ ކުރިއަށް އޮތް ރަމަޟާން މަހަށް އަމާޒުކޮށްގެން ރައްޔިތުން ހޭލުންތެރިކުރުވުމަށާއި ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގައި، ގޭ ބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން ރަމަޟާން މަހު ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވެތިބުމަށާއި އާންމުކޮށް ވައްކަންކުރާނެ ކަމަށް ބެލެވޭ ވަގުތުތައް ކިޔައިދީފައިވެއެވެ.

އަދި ނަމާދު ވަގުތަށް މިސްކިތަށް ދާއިރު ފިހާރަތަކާއި ގޭގެ ދޮރުތައް ތަޅުލުމަށާއި ބަދިގެ ތެރޭގައި ހަރަކާތްތެރިވާއިރު އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

އަދި ވިޔަފާރި ކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި ހާއްސަކޮށް އޮންލައިންކޮށް ކުރާ ވިޔަފާރިތަކަށް އިތުރަށް ސަމާލުކަން ދިނުމަށް އިރިޝާދު ދީފައިވެއެވެ. އަދި ފިނިބުރުޖަހަން ނުކުމެ އުޅޭ ވަގުތުތަކުގައި މަގުތައް ހަލަބޮލި ވާނެކަމަށް ބެލެވޭތީ އުޅަނދު ދުއްވާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

އަދި އެއްގަމު ދަތުފަތުރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ލައިސަންސް ނެތި އުޅަނދު ނުދުއްވުމަށާއި ކުށްތަކުން ރައްކާތެރިވެ ތިބުމަށް އަބަދުވެސް މަސައްކަތް ކުރުމަށް މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ކަންކަމުގައި ހައްލު ހޯދުމަށް ލަސްނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށާއި ރައްޔިތުން ބޭނުންވި ކޮންމެ ހިނދެއްގައި ފުލުހުންގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދީފައިވެއެވެ.