logo
banner image

24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫއެއް ފަށަނީ

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ކުރިއަށްގެންދާ އެސްޕަޔަރ (ASPIRE) އަދި އެރައިޒް (ARISE) މަޝްރޫއުގެ ދަށުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މަޝްރޫއަކީ ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި، ތިމާވެށްޓާ ރައްޓެހި ގޮތްގޮތަށް ހަކަތަ އުފެއްދުން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ތިމާވެށްޓަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ހަކަތައިގެ އަމާޒަށް ވާސިލްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ރައީސް ޑރ.މުއިއްޒުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމެވެ.

އެސްޕަޔަރ އަދި އެރައިޒް މަޝްރޫއުގެ ދަށުން ގާއިމުކުރެވޭ މި ނިޒާމުތަކުގެ ސަބަބުން، ތެޔޮ އެތެރެކުރުމަށް ދައުލަތުން ކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެއެވެ. މިކަމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ބޮޑު ބާރެއް ލިބިގެންދާނެއެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ މަޝްރޫއުތައް ފުޅާކޮށް، ތިމާވެށްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.