logo
banner image

ރައްކާ ރޯޑް ޝޯގެ ހަރަކާތްތައް ހއ. އަތޮޅާއި ހދ. އަތޮޅުގައި ފަށައިފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދާ ”ރައްކާ ޜޯޑް ޝޯ”ގެ ހަރަކާތްތައް ހއ. އަތޮޅާއި ހދ. އަތޮޅުގައި ފަށައިފިއެވެ.

މި މަހުގެ 7 އިން 12އަށް މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އަޕަރ ނޯތު ޕޮލިސް ގުޅިގެންނެވެ.

މި ހަރަކާތްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީ ޖަލާލުއްދީން ސުކޫލާއި، ހދ. އަތޮޅު ތައުލީމީ މަރުކަޒާއި، އަފީފުއްދީން ސުކޫލުގެ އިތުރުން ހއ. އިހަވަންދޫ ސުކޫލާއި ހއ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ކުރިއަށް ގެންދާނެއެވެ.

މި ޕްރޮގްރާމްގައި ފަސް ސުކޫލު ހިމެނޭގޮތަށް 154 ދަރިވަރުން ބައިވެރިވެއެވެ.

ޓްރެފިކް މޮނީޓާސް ޕްރޮގްރާމުގައި، ސުކޫލު ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ދަރިވަރުން ތަމްރީނުކުރާނެއެވެ.

އެގޮތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުވައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓައި، ދަމަހައްޓާނެ ޖީލެއް ބިނާކުރުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސުކޫލުތައް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުމުގައި އަމަލީގޮތުން ދަރިވަރުން ބައިވެރިކުރުވާނެއެވެ.

އަދި ސެލްފް ޑިފެންސް ކުލާސްތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ރިވެތި ބަހުން މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދެވޭނެއެވެ.

އޭގެ އިތުރުން، ސުކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ޓެކްސީ ޑްރައިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ވެސް ކުރިއަށް ގެންދާނެއެވެ. މި ސެޝަންތަކުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދޭނެއެވެ.

ރައްކާ ޕްރޮގްރާމުގެ ތެރެއިން ”ފަހިރާސްތާ” ޕްރޮގްރާމް ކުޅުދުއްފުށި ސިޓގައި ކުރިއަށް ގެންގޮސްފައިވެއެވެ. މި ޕްރޮގްރާމުގެ ތެރެއިން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުވުމަށް ރަށުގެ އެކި ސަރަހައްދުތަކާއި މަގުތަކުން ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދީފައިވެއެވެ.

ރައްކާ ރޯޑް ޝޯއަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ސުކޫލުތަކުގެ ދަރިވަރުންނާއި ރައްޔިތުން ހޭލުންތެރިކުރުވުމަށް އެކި ހަރަކާތްތައް ރާވައި ހިންގުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ތަމްރީނު ޕްރޮގްރާމުތައް ހިންގުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.