logo
banner image

ޤައިދީންނާ ގުޅޭ މައުލޫމާތުތައް ޑިޖިޓަލްކޮށް ފެނިގެން ދިއުމަކީ މުޢައްސަސާއަށް އަންނަ ހެޔޮ ބަދަލެއް: ވަޒީރު

އެއް ވިއުގައެއްގެ ތެރެއިން ހުރިހާ ޖަލެއްގައިވާ ޤައިދީންނާ ގުޅޭ މައުލޫމާތުތައް ޑިޖިޓަލްކޮށް ފެނިގެން ދިއުމަކީ ކަރެކްޝަންގެ މަސައްކަތުގައި ޢަމަލީ ސިފަ ޖެހެމުން އަންނަ ކަމުގެ ހެއްކެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ކަރެކްޝަންގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ސްޓްރެޓީޖިކް އެކްޝަން ޕްލޭން، މައި އެމްސީއެސް ޕޯޓަލް އަދި ޕްރިޒަނަރ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް އިފްތިތާޙްކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އެއް ވިއުގައެއްގެ ތެރެއިން ހުރިހާ ޖަލެއްގައިވާ ޤައިދީންނާއި ބަންދުމީހުންގެ ޕަރސަނަލް ފައިލްތަކާއި މެޑިކަލް ރެކޯރޑްތަކާއި މޫވްމަންޓްތަކާއި އެހެނިހެން މަޢުލޫމާތުތައް ޑިޖިޓަލްކޮށް ފެނިގެން ދިއުމަކީ މުވައްސަސާ ޢަމަލީ ސިފަ ޖެހެމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.

މައިއެމްސީއެސް ޕޯރޓަލްއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އިއްޔެ ހެނދުނު ހުޅުވުނު އެމްސީއެސްގެ އައު ފްރަންޓް އޮފީހަކީ އެކި ތަންތަނުން ދެމުން އައި ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދޭ މަގު ފަހިވެގެންދިޔަ ކަމެއް ކަމަށާއި މައިއެމްސީއެސް ޕޯރޓަލްގެ ޒަރިއްޔާއިން، ރައްޔިތުން ޚިދުމަތް ހޯދަން އަންނަން ނުޖެހި ލުއި ފަސޭހަކަމާއެކު ޚިދުމަތްތަކަށް އެދެވޭނެ މަގުފަހިވެގެން ހިނގައްޖެ ކަމަށެވެ.

އަދި ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ދުރު ވިސްނުމާއި ކާމިޔާބީތަކަށް ތަޢުރީފްކުރައްވަމުން ވަޒީރު ފާހަގަކުރެއްވީ، ޓީމެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ މަގުދައްކާނެ ވެރިންނާއި އެ މަގުގައި ހިނގާނެ ފައުޖެއް އޮވެގެން ކަމަށާއި ކަރެކްޝަންގެ އަދުގެ ފައުޖަކީ މިފަދަ ފައުޖެއް ކަމަށާއި އެކަމަށް ވަޒީރު ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ފައުޖެއް ކަމަށެވެ.

މިއީ މި މުވައްސަސާގެ ދިގު ބުރަ ތާރީޚުގައި ވިޝަން އެއް ރިއަލިޓީއަކަށް ހެދުމަށްޓަކައި ސޮފްހާތަކެއްގައި ލިޔެވިގެންދާ ދުވަހެއް. އަމާޒުތަކެއް ކަނޑައެޅި، އެ އަމާޒުތައް ވާސިލްކުރުމަށް މަގުތަކެއް ލިޔެވިގެންދާ ދުވަހެއް. މި މުވައްސަސާއިން ހޯދާނެ ކާމިޔާބީތައް ހޯދަމުންދާއިރު، އެ މެޝަރކުރެވޭނެ ގޮތްތަކެއް ލިޔެވިގެންދާ ދުވަހެއް. ވަޒީރު

ވަޒީރު ވަނީ އެމްސީއެސްގެ ކުރިއަށްއޮތް 3 އަހަރު ދުވަހުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙުކުރުމުން، އެމްސީއެސްގެ ލީޑަރޝިޕްއަށާއި ހުރިހާ މުވައްޒަފުންނަށް މަރުހަބާ ދަންނަވާފައެވެ.

މިއީ އެގޮތުން އެޅިގެންދިޔަ ފުރަތަމަ ފިޔަވަޅު ކަމަށާއި ދެން އޮންނާއި އެ ޕްލޭނާ އެއްގޮތަށް މަސައްކަތައް 100 ޕަސަންޓްގައި ޑެލިވަރކުރުން ކަން ވަޒިރު ފާހަގަކުރެއްވިއެވެ.

އަދި އެކަން ކާމިޔާބުކުރާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.