ޤައިދީންގެ މަޢުލޫމާތު ބެލެހެއްޓުން ހަރުދަނާކުރެވޭނެ ސިސްޓަމެއް ތަޢާރަފުކޮށްފި
ސްޓްރެޓީޖިކް އެކްޝަން ޕްލޭން، މައި އެމްސީއެސް ޕޯޓަލް އަދި ޕްރިޒަނަރ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް އިފްތިތާޙްކޮށްފިއެވެ.
މިއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ހިންގުން ހަރުދަނާކޮށް، ޤައިދީންގެ މަޢުލޫމާތު ބެލެހެއްޓުން ހަރުދަނާކުރެވޭނެ ސިސްޓަމެކެވެ.
މި ތިން މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާންއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞޮބާޙް، ޕްރޮސެކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފު، މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙްއާއި މޯލްޑިވްސް ކަސްޓަސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާ، ކަރެކްޝަންސްގެ އެގްޒަކަޓިވް އަދި ސީނިއަރ ލެވެލްގެ އޮފިސަރުންނާއި ސިވިލް މުވައްޒަފުން އަދި ދަޢުވަތު އެރުއްވި މެޙެމާނުން ބައިވެރިވެލެއްވިއެވެ.

ރޭ އިފްތިތާޙުކުރި ތިން މަޝްރޫޢުއަކީވެސް މުއައްސަސާގެ ހިންގުން ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެވެ.
އެގޮތުން ކަރެކްޝަންގެ ސްޓްރެޖީޓިކް އެކްޝަން ޕްލޭން، ޕްލޭނަކީ ޔޫރަޕިއަން ޔޫނިއަންގެ މާލީ އެހީތެރިކަމާއި ޔޫ.އެން.އޯ.ޑީ.ސީ (UNODC)ގެ ފަންނީ އެހީތެރިކަން ލިބިގެން ތައްޔާރުކުރެވިފައިވާ ޕްލޭނެކެވެ.
މިޕްލޭނާ އެއްގޮތަށްމި ސަރވިސްގެ މަސައްކަތްތައް ތަރުތީބުވެގެން ދިއުމުން ލިބިގެންދާނެ ފައިދާތަކަކީ، ޖަލުތަކުގެ ނިޒާމު ވަރުގަދަވެ، ޤައިދީން އަނބުރާ މުޖުތަމަޢަށް ނެރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ އުޞޫލެއްގެ ދަށުން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެން ދިއުމާއި އަދި އޮފިސަރުންނާއި މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމަށް ލިބިގެންދިއުމެވެ.
ޕްރިޒަނަރ ޑޭޓާ މެނޭޖްމަންޓް ސިސްޓަމްއަކީވެސް UNODC ގެ ފުރިހަމަ އެހީތެރިކަމާއެކު ތައްޔާރުކުރެވިފައިވާ ސިސްޓަމެކެވެ.
މި ސިސްޓަމްގެ ސަބަބުން މި ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންނާއި ބަންދުމީހުންގެ މައުލޫމާތުތައް މަރުކަޒީ ނިޒާމަކުން ބެލެހެއްޓުމަށް ގާއިމުކުރެވޭ މި ޑިޖިޓަލް ނިޒާމުގެ ސަބަބުން، ގައިދީންނާއި ބަންދުމީހުންނާ ގުޅުންހުރި ހުރިހާ މަޢުލޫމާތުތަކެއް އެއް ވިއުގައަކުން ފެންނަން ހުންނާނެއެވެ.
އަދި މަޢުލޫމާތުތައް ފުށުއެރުމުގެ މައްސަލަތަކަށް ހައްލު ލިބި، ކޯޓުތަކާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އަދި ދިވެހި ފުލުހުންގެ ޙިދުމަތް ފަދަ ކަމާގުޅުންހުރި އިދާރާތަކަށް ބޭނުންވާ މަޢުލޫމާތު ވަގުތުން ފޯރުކޮށްދެވި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އަވަސްވެގެން ދާނެއެވެ.
އަދި މި ނިޒާމުގެ ތެރެއިން ޤައިދީންނާއި ބަންދުމީހުންގެ މެޑިކަލް އަދި ޕަރސަނަލް ފައިލްތައް ޑިޖިޓަލައިޒް ކުރެވި، މިހާރު މަސައްކަތްތަކަށް ހޭދަވާ ވަގުތު ކުޑަކުރެވިގެން ދާނެއެވެ.

އަދި “މައިއެމްސީއެސް” ޕޯޓަލްއަކީ ކުރިން ބޭނުންކުރަމުންދިޔަ އީ-ސަރވިސް ޕޯރޓަލްގެ އިތުރަށް ޒަމާނީކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕޯރޓަލްއެކެވެ.
“މައިއެމްސީއެސް” ޕޯރޓަލްއަށް އީ-ފާސް ބޭނުންކޮށްގެން ލޮގް އިން ކުރުމަށްފަހު، ކުށުގެ ރެކޯޑް ސާފުކުރުމަށް އެދުމާއި، ވަކީލުންނާއި ޢާއިލާތަކުން ޤައިދީންނާއި ބަންދުމީހުންނާ ބައްދަލުކުރުމަށް އެދުމާއި، ވަޒީފާއަށް އެދުމުގެ އިތުރުން ޤައިދީންނަށާއި ބަންދުމީހުންނަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.
މި ޕޯޓަލް، ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވުމުން، އިދާރީގޮތުން ކުރާންޖެހޭ މަސައްކަތްތައް އަވަސްވެގެންދާނެއެވެ. އަދިޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި ޕޯޓަލަކީ ކުރިމަގުގައި އާޓިފިޝަލް އިންޓެލިޖެންސް (AI) ފަދަ ވަސީލަތްތައް ބޭނުންކުރެވޭނެ ވަރުގަދަ ބިންގަލެއްގެ މަތީގައި ބިނާކޮށްފައިވާ ނިޒާމެކެވެ.
މިއީ މި ސަރވިސްގެ އިންފޮރމޭޝަން ޓެކްނޮލޮޖީ ޑިވިޜަންގެ މުވައްޒަފުންގެ މިންނެތް މަސައްކަތުން ތައްޔާރުކޮށްފައިވާ ޕޯރޓަލްއެކެވެ. މި ޕޯރޓަލް އާންމުނަށް ހުޅުވާލެވޭނީ މި މަހުގެ ފަހުކޮޅުގައެވެ.
