logo
banner image

އޮޕަރޭޝަން ކުރަނގި: މިހާތަނަށް ދެލައްކަ އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި

ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް ދެލައްކަ އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް މަސައްކަތް ފައްޓަވައި ދެއްވުމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ "ކުރަނގި" އޮޕަރޭޝަންގެ ނަމުގައި ހިންގާ މި އޮޕަރޭޝަންގައި މިހާތަނަށް 205,701 ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރިކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ހިމެނޭހެން ބައޯމެޓްރިކްސް ނަގައި އަޕްޑޭޓްކުރެވިއްޖެ ކަމަށެވެ.

ބަޔޮމެޓްރިކްސް ނުދީ، ވަރކް ޕާމިޓެއް ނެތި އުޅޭ ބިދޭސީއެއް މިހާރު ފާހަގަވެއްޖެނަމަ ވަގުތުން އެ މީހަކު ފޮނުވާލެވޭނެ ކަމަށާއި މިގޮތުން، 17 ނޮވެމްބަރ2025 އިން 31 ޖެނުއަރީ 2026ގެ ނިޔަލަށް، ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުނު 228 ބިދޭސީން ފޮނުވާލާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި 17 ނޮވެމްބަރ 2023 އިން 3 ފެބްރުއަރީ 2026ގެ ނިޔަލަށް، ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުނު 11496 ބިދޭސީއެއް ފޮނުވާލާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިގޮތުން ބަލާއިރު، 2018 އިން 2023އާ ދެމެދު ފޮނުވާލާފައިވަނީ އެންމެ 2649 ބިދޭސީން. ހަމަ އެއާއެކު، ކުރަނގި އޮޕަރޭޝަންގެ 2ވަނަ ފިޔަވަހި ވެސް މިހާރު ވަނީ ކުރިޔަށް ގެންދަން ފަށާފައި. މި ފިޔަވަހީގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، ބަޔޮމެޓްރިކްސް ދީ ނަމަވެސް ލީގަލައިޒް ނުވެ ތިބި ބިދޭސީން ލީގަލައިޒްކުރުމުގެ ޕްރޮގްރާމް 1 ޖަނަވަރީ 2026 ގައި ފަށާފައިވާނެ. މި ޕްރޮގްރާމްގެ ދަށުން ލީގަލައިޒްވުމަށްޓަކައި މިހާތަނަށް 3837 އެޕްލިކޭޝަން ލިބިފައިވޭ. ރައީސް

މީގެ އިތުރުން، 3 މެއި 2026ގައި ކުރަނގި އޮޕަރޭޝަންގެ 3 ވަނަ ފިޔަވަހި، ފެށިގެންދާނެކަން ރައީސް ވަނީ ރިޔާސީ ބަޔާނުގައި ޢިއުލާން ކުރައްވާފައެވެ.

އަދި މި ފިޔަވަހީގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންނާއި ކައުންސިލުތަކާއި އިމިގްރޭޝަން ގުޅިގެން ކުރާ މަސައްކަތުން، ރާއްޖޭގެ ތަފާތު އެކި ކަންކޮޅުތަކުގައި ރެގިޔުލަރައިޒް ނުވެ، ސައްހަ ވަރކް ޕަރމިޓެއް ނެތި އުޅެމުންދާ ބިދޭސީ މަސައްކަތްތެރިން އިތުރު ފުރުސަތެއް ނުދީ ޑީޕޯޓްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި އޮޕަރޭޝަން 2027ވަނަ އަހަރުގެ މޭ މަހުގެ 2ވަނަ ދުވަހު ނިމޭއިރު ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅޭނަމަ އެމީހުންގެ ޞައްޙަ އަދަދާއި އެއީ ކޮން ބައެއްކަން ކަށަވަރުކުރެވޭނެ ކަމަށާއި އަދި ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އިތުބާރު ހުރި، ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.