"އެކްރޮސް މޯލްޑިވްސް" ކާމިޔާބުކުރި ޝަފްރާޒްގެ ރިކޯޑްތައް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޠާރިޤް ބައިވެރިވެވަޑައިގެންފި
މޯލްޑިވްސް ބުކް އޮފް ރިކޯޑްސްއިން ރާއްޖޭގެ މަޝްހޫރު ފީނުންތެރިޔާ ޝަފްރާޒް ނައީމް ހޯދި ދެ ރިކޯޑެއް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އޮނަރަބަލް ޠާރިޤް އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތަކީ "އެކްރޮސް މޯލްޑިވްސް 2024" އިވެންޓަށްފަހު، ޝަފްރާޒް ނައީމް ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީތައް ރަސްމީކޮށް ބަލައިގަނެ، އޭނާއަށް ޝަރަފު އެރުވުމަށް ބޭއްވި ރަސްމިއްޔާތެކެވެ. ޝަފްރާޒް ވަނީ މި ދަތުރުގެ ތެރެއިން މޯލްޑިވްސް ބުކް އޮފް ރިކޯޑްސްގެ ދެ މަޤާމެއް ކަށަވަރުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޠާރިޤް ވަނީ ޝަފްރާޒް ހޯދި މި ބޮޑު ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެ، ރާއްޖޭގެ ކަނޑުފަޅުތަކާއި ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ޝަފްރާޒް ފަދަ ހުނަރުވެރި ދިވެހިން ކުރާ މިފަދަ ހިތްވަރުގަދަ މަސައްކަތްތަކަކީ މުޅި ޤައުމަށް ލިބޭ ފަޚުރެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އެކްރޮސް މޯލްޑިވްސް" އަކީ ރާއްޖޭގެ ކަނޑުތަކުގެ ދިރުންތަކާއި ތިމާވެށީގެ ހާލަތު ދެނެގަތުމަށާއި، މި ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން ޝަފްރާޒް ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފީނައި، ތިމާވެށީގެ މުހިންމު މަޢުލޫމާތުތަކެއް އެއްކޮށްފައެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވްސް ބުކް އޮފް ރިކޯޑްސްގެ އިސް ބޭފުޅުންނާއި، ކަނޑުއަޑީގެ ދިރުންތަކާ ގުޅޭ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ފަރާތްތަކަކުން ބައިވެރިވެފައިވެއެވެ. ޝަފްރާޒް ނައީމްއަކީ މީގެ ކުރިންވެސް ފީނުމުގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.
