އޭޑީބީގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭގޮތުން މިނިސްޓަރު ޠާރިގު މަޝްވަރާކުރައްވައިފި
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އޮނަރަބަލް ޠާރިޤު އިބްރާހިމް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ރީޖަނަލް ހެޑް މިސްޓަރ ތިއަމް ހީ އެންގް އާ ބައްދަލުކުރައްވައި، ރާއްޖޭގެ ތަރައްގީއަށް ކުރިއަށްދާ މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ އޭޑީބީގެ މާލީ އަދި ފަންނީ އެހީތެރިކަމާއެކު ރާއްޖޭގައި މިހާރު ކުރިއަށްދާ މަޝްރޫއުތައް ބާރުސްޕީޑުގައި ކުރިއަށް ގެންދިއުމާ ގުޅޭގޮތުންނެވެ. އެގޮތުން، މިހާރު ހިނގަމުންދާ މަސައްކަތްތަކުގެ ކުރިއެރުންތައް ދެ ބޭފުޅުން މުރާޖައާ ކުރައްވައި، އެ މަޝްރޫއުތައް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ނިންމުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އޭޑީބީ އާއި ދިވެހި ސަރުކާރާ ގުޅިގެން މަސައްކަތް ކުރެވިދާނެ އައު ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުން ގުޅުން ބަދަލުކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. ޚާއްޞަކޮށް ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މިނިސްޓަރު ޠާރިގު އިސްކަންދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދީ އަދި ތިމާވެށީގެ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އޭޑީބީ ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެއްބާރުލުން ލިބުމަކީ މި ސަރުކާރުން ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެކެވެ.
މި ބައްދަލުވުމަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ބޭރުގެ އެހީތެރިކަން ހޯދުމާއި، ބައިނަލްއަގުވާމީ ފަރާތްތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގްސަދުގައި ބޭއްވުނު ކާމިޔާބު ބައްދަލުވުމެކެވެ.
