ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގެ ރިވިއުގައި ވަޒީރު އިޙްސާން ބައިވެރިވެވަޑައިގެންފި
ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާ (މުޢާހަދާ)ގެ ދަށުން، 2021ވަނަ އަހަރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ 6 - 7ވަނަ ޕީރިއޮޑިކް ރިޕޯޓު، އ.ދ. ގެ ކޮމިޓީ އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ކޮމިޓީ) އިން ރިވިއުކުރުމަށްޓަކައިގައި ބޭއްވި ރިވިއު ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ސެޝަން ކުރިއަށްގެންދިޔައީ މިމަހުގެ 12 އަދި 13ވަނަ ދުވަހުގައެވެ.
11 ފެބުރުވަރީ 1991ގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މި މުޢާހަދާގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅާފައިވާ 6 - 7 ވަނަ ޕީރިއޮޑިކް ރިޕޯޓަކީ، މުޢާހަދާގައި ބަޔާންކޮށްފައިވާ ޙައްޤުތައް ލިބިދިނުމާ ގުޅޭގޮތުން ކޮމިޓީން ދިވެހިރާއްޖެއަށް ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކާއި، 2016 އިން 2021ގެ ނޮވެންބަރު މަހުގެ ނިޔަލަށް ދިވެހިރާއްޖެއިން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، ޙިމާޔަތްކުރުމާ ގުޅޭގޮތުން ކޮށްފައިވާ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ހިމަނާފައިވާ ރިޕޯޓެކެވެ.
ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ރިވިއުގައި، މުޢާހަދާ ތަންފީޛުކުރުމަށް 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ދިވެހިރާއްޖޭގެ ވަފުދުން ވަނީ ޖަވާބުދާރީވެފައެވެ.

މި ރިވިއުގައި ދިވެހިރާއްޖެ ތަމްޞީލުކުރެއްވި ވަފުދުގައި، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އާއި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާންގެ އިތުރުން، ބަންޑާރަނައިބުގެ އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކަމާބެހޭ ބޭފުޅުންނާއި، ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަންގެ އޮފިޝަލުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ރިވިއު ސެޝަނަށްފަހު، ދިވެހިރާއްޖެއިން ހުށަހެޅި ރިޕޯޓާއި، ރިވިއު ސެޝަންގައި ދިވެހިރާއްޖެއިން ކޮމިޓީއާ ޙިއްސާކުރި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ކޮމިޓީގެ ކޮންކްލޫޑިންގ އޮބްސަރވޭޝަންތަކާއި ރިކޮމެންޑޭޝަންތައް ޙިއްޞާކުރާނެއެވެ.
