ޑްރަގު އޮޕަރޭޝަންތަކުން މިހާތަނަށް 997 މީހުން ވަނީ ހައްޔަރުކޮށްފަ: ޕޮލިސް
މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން މިހާތަނަށް 997 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ޑްރަގް އެންފޯސްމަންޓުން ކުރަމުންދާ މަސައްކަތްތަކާއި ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފައެވެ.
މި ބައްދަލުވުމުގައި ފުލުހުން ހިއްސާކުރެއްވި ތަފާސްހިސާބަށް ބަލާއިރު މި އަހަރުގެ މިހާތަނަށް މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގުނު އޮޕަރޭޝަންތަކުގެ ތެރެއިން، ގާތްގަނޑަކަށް 875 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ ވަނީ އަތުލައިގެންފައެވެ.
އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމުލަ 188 އޮޕަރޭޝަން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާފައިވެއެވެ.
މި މަސައްކަތްތަކުގެ ތެރެއިން 997 މީހުން ހައްޔަރުކޮށް، މަސްތުވާތަކެތި ބޭނުންކުރާ 11 ތަނެއް ބަންދުކޮށް އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ބަލައިފާސްކުރުމުގެ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.
އަދި މި މުއްދަތުގެ ތެރޭގައި، 16,024 މީހުން ބަލައިފާސްކޮށްފައިވާއިރު، 137 ބިދޭސީއަކު ވަނީ ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. އަދި ފަރުވާއަށް 301 މީހަކު ވަނީ އެންޑީއޭ އާ ހަވާލުކޮށްފައެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގުނު އޮޕަރޭޝަންތަކުގެ ނަތީޖާއެއްގެ ގޮތުން، ނާކޮޓިކްސް ޑިޓެންޝަން އޮތޯރިޓީގެ ދަށުން 301 މީހުން ރިހެބިލިޓޭޝަނަށް ފޮނުވުމަށް ރިމާންޑްކުރެވިފައިވެއެވެ. އަދި 137 ބިދޭސީން އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވައިލުމުގެ މަރުހަލާގައި އިމިގްރޭޝަނާ ހަވާލުކުރެވިފައިވެއެވެ. މުޅި އަހަރުގެ ތެރޭގައި ޖުމުލަ 648 މައްސަލަ ތަހުގީގުކޮށްފައިވާއިރު، މީގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ 335 މައްސަލަ ހިމެނެއެވެ.
އޭގެ އިތުރުން"އޮޕަރޭޝަން އަލިމަގު" ފަދަ ހާއްސަ އިނިޝިއޭޓިވްތަކާއި، އަތޮޅުތެރޭގައި ރާވައިގެން ހިންގުނު އޮޕަރޭޝަންތަކުން މަސްތުވާތަކެތީގެ ނެޓްވޯކްތައް ނައްތާލުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަން މި ބައްދަލުވުުގައި ފާހަގަކުރެއްވިއެވެ.
އަދި މި އޮޕަރޭޝަންތަކުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރެވި، އެކި އަތޮޅުތަކުން މަސްތުވާތަކެއްޗާއި ގަވާއިދާ ހިލާފު ބަނގުރާ ހިފެހެއްޓިފައިވާއިރު، މުޖުތަމައުތަކުގެ ތެރޭގައި މަސްތުވާތަކެތި ދައުރުކުރުން ދަށްކުރެވިފައިވާކަން ހާމަކޮށްފައިވެއެވެ.
