logo
banner image

މޯލްޑިވްސް 2.0 ވެގެންދާނީ މުސްތަޤުބަލުގައި ދިވެހިރާއްޖޭގެ ތާރީޚު، ބަދަލުކޮށްލާނެ މަސައްކަތަކަށް: ރައީސް

"މޯލްޑިވްސް 2.0" މަޝްރޫޢަކީ، ދިވެހިރާއްޖޭގެ މުސްތަޤުބަލުގެ ތާރީޚު ބަދަލުކޮށްލާނެ މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސަރުކާރަށް 2 އަހަރު ފުރުމުގެ މުނާސަބަތުގައި، ޒުވާނުންގެ މަރުކަޒުގައި މިރޭ އޮތް "ރައްޔިތުންނާއެކު ކުރިއަށް- ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު"ގައި، ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާއަށް ގެންދިއުމަށް އިފްތިތާޙްކުރައްވާފައިވާ ޕްރޮގްރާމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމާއެކު، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށް ގެންދާ މޯލްޑިވްސް 2.0 މަޝްރޫޢުގެ ދަށުން ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭންފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެކަން ފާހަގަކުރެއްވިއެވެ.

އެންސްޕާގެ ބައެއް ޚިދުމަތްތައްވެސް މި ވިއުގައިން މިހާރު ދޭން ފަށާފައިވާއިރު، މުޅި ޞިއްޙީ ދާއިރާއަށް މިކަން ތަޢާރަފުވުމާއެކު ހުރިހާ ރައްޔިތުންނަށް އެކަމުގެ އަސަރު ނުވަތަ ފައިދާކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިފަދަ ބަދަލުތައް ބަލައިގަތުމަށް ފަސްޖެހެވޭ ގޮތް ވުމަކީ އިންސާނީ ޠަބީޢަތްކަމަށާ، ނަމަވެސް ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރަމުންދާނީ 'ޑިޖިޓަލް ފަސްޓް ނޭޝަން' އެއްގެ ގޮތުގައި ޤައުމު ބިނާކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައިވެސް މިކަމަށް ޚާއްޞަ އިސްކަމެއްދެއްވާފައި ވާނޭކަމަށާ، 2026 ވަނަ އަހަރުގެ އެންމެ ނަތީޖާ ރަނގަޅު އެއް ވާހަކައަށްވެސް މިކަންވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިޚްލާޞްތެރިކަމާއެކު ކަންކަންކުރަނީނަމަ، މައްސަލައިގެ މުލާ ހިސާބަށް ރިޢާޔަތްކުރަންޖެހޭނެކަމަށާ، މޯލްޑިވްސް 2.0 އަކީ، ކޮރަޕްޝަންގެ ނުބައި ޢަމަލަށް އެޅޭނެ ބޮޑު ހުރަހެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، އެކަމުގެ ހެޔޮ ނަތީޖާ، ޑިޖިޓަލް އިޤްތިޞާދުން ފެނިގެންދާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.