ޑިޒާސްޓަރ ވިކްޓިމް އައިޑެންޓިފިކޭޝަން ޓްރެއިނިންގ ފަށައިފި
ބްރިޓިޝް ހައި ކޮމިޝަން އިން ދަ މޯލްޑިވްސްއާއި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ގުޅިގެން ކުރިއަށް ގެންދާ “ޑިޒާސްޓަރ ވިކްޓިމް އައިޑެންޓިފިކޭޝަން ޓްރެއިނިންގ” ފަށައިފިއެވެ.
މި ޕްރޮގްރާމް ފެށުމަށް އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމު ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢިސްމާއީލް ނަވީންއެވެ.
މި މަހުގެ 17 އިން 20އަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ބޮޑެތި ކާރިސާތަކުގައި ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިކަން ދިނުމަށް ބޭނުންވާ އިލްމާއި ހުނަރުތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ދަސްކޮށްދީ އަދި މަސައްކަތްކުރުމުގެ ގާބިލުކަން މުވައްޒަފުންގެ ކިބައިގައި އިތުުރުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޓްރެއިނިންގ ޕްރޮގްރާމުގައި މައުލޫމާތު ދެއްވާނީ ޔޫކޭ ޑިޒާސްޓަރ ވިކްޓިމް އައިޑެންޓިފިކޭޝަންގެ ތަޖުރިބާކާރުންނެވެ.
މި ޕްރޮގްރާމުގައި، ޑިޒާސްޓަރ ވިކްޓިމް އައިޑެންޓިފިކޭޝަން، ޑިޒާސްޓަރ ވިކްޓިމް އައިޑެންޓިފިކޭޝަން ރޯލްސް އެންޑް ރެސްޕޮންސިބިލިޓީސް، ހެލްތު ސޭފްޓީ އެންޑް ވެލްބީންގ އަދި ކްރައިމް ސީން މެނޭޖްމަންޓް، ޑިޒާސްޓަރ ވިކްޓިމް އައިޑެންޓިފިކޭޝަން ރިކަވަރީގެ އިތުރުން އިންޓަޕޯލް ޑޮކިޔުމެންޓޭޝަން އަދި ރިކޮންސިލިއޭޝަން އެންޑް ރިޕެޓްރިއޭޝަން މައުލޫގެ ދަށުން ޓްރެއިނިންގތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
މި ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި، އެއާޕޯޓް ފަޔަރ އެންޑް ރެސްކިޔުއާއި، މިނިސްޓްރީ އޮފް ހެލްތުގެ އެމެޖެންސީ މެޑިކަލް ސާވިސަސްގެ މުވައްޒަފުން ހިމެނޭހެން ޖުމުލަ 19 މުވައްޒަފުން ބައިވެރިވެއެވެ.
