އެޑްވާންސްޑް ޑިޖިޓަލް ފޮރެންސިކްސް އަދި އިންސިޑެންޓް ރެސްޕޮންސް ޕްރޮގްރާމް ފަށައިފި
އެޑްވާންސްޑް ޑިޖިޓަލް ފޮރެންސިކްސް އަދި އިންސިޑެންޓް ރެސްޕޮންސް ޕްރޮގްރާމް ފަށައިފިއެވެ.
މި މަހުގެ 15 އިން 20 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ އިންޑިއާގެ ރަޝްޓްރީޔާ ރަކްޝާ ޔުނިވަރސިޓީ (އާރްއާރްޔޫ) އާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓު ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ގާނޫނު ތަންފީޒުކުރާ އަދި ސައިބަރ މައްސަލަތައް ތަހުގީގުކުރާ ފަރާތްތަކުގެ ތަހުގީގީ އަދި ތަހުލީލީ ގާބިލިއްޔަތުކަން އިތުރުކޮށް ހަރުދަނާކުރުމަށެވެ. އިންޑިއާގެ ރަޝްޓްރިޔާ ރަކްޝާ ޔުނިވަރސިޓީގެ ތަޖުރިބާކާރު މުދައްރިސުން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ސައިބަރ ހާދިސާތަކާއި ޑިޖިޓަލް ހެކި ގެންގުޅުމަށް އެންމެ ފަހުގެ ވަސީލަތްތަކާއި، މެތަޑޮލޮޖީތަކާއި، އޮނިގަނޑުތައް ދަސްކޮށްދެވޭނެއެވެ.
އަދި މި ދާއިރާގެ ކޭސް ސްޓަޑީތަކާއި، ތަމްރީނުތަކަށް އަމާޒުކޮށް ސައިބަރ ކުށްތަކުގެ ތަހުގީގުތަކުގައި އަމަލުކުރާނެ ގޮތްތައް ދަސްކޮށްދޭނެއެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް އެކަށީގެންވާ ޑިޖިޓަލް ތަހުގީގުތަކަށް މައިގަނޑު މެތަޑޮލޮޖީ ދެނެގަނެ ތަންފީޒުކުރުމުގެ ގާބިލުކަން ލިބިގެންދާނެއެވެ. އަދި ކޯޓުގައި ހެކީގެ އިންޓެގްރިޓީ އަދި ގަބޫލުކުރެވޭ މިންވަރު ޔަގީންކުރުމަށް ހެކި ބެލެހެއްޓުމާއި ހޯދުމުގައި އެންމެ ރަނގަޅު އުސޫލުތައް ދަސްވެގެންދާނެއެވެ.
އޭގެ އިތުރުން، މުހިންމު ހެކިތަކާއި ޑިޖިޓަލް ނިޝާންތައް ހާމަކުރުމަށް އޮޕަރޭޓިންގ ސިސްޓަމްތަކާއި ފައިލް ސިސްޓަމްތައް ތަހުލީލިކުރުމާއި ވާދަވެރިން ބޭނުންކުރާ މެމޮރީ ފޮރެންސިކްސް އަދި މެލްވެއަރ ޕަރސިސްޓެންސް ޓެކްނިކްތައް ދެނެގަތުމަށް ތަހުލީލުކުރުމާއި ސައިބަރ ހަމަލާތައް ދެނެގަނެ އަލުން އެކުލަވައިލުމަށް ނެޓްވޯކް ފޮރެންސިކްސް އަދި ލޮގް އެނަލިސިސް ކުރިއަށްގެންދާނެއެވެ.
އަދި ޒަމާނީ ޑިޖިޓަލް މާހައުލުތަކުގައި ނުރައްކާތައް ކުޑަކުރުމަށް އެންޓަރޕްރައިޒް ސްކޭލް އަދި ކްލައުޑް އިންސިޑެންޓް ރެސްޕޮންސްއަށް ސްޓްރެޓެޖީތައް ދަސްކޮށްދޭނެއެވެ.
މި ޕްރޮގްރާމްގައި، 22 ފުލުހުންނާއި، މޯލްޑިވްސް ކަސްޓަމް ސާވިސްއާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސްއާއި، މޯލްޑިވްސް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އިތުރުން ނެޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީއިން ބައިވެރިިވެއެވެ.
