ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ މުއައްސަސާގެ މުވައްޒަފުންގެ ކިބައިގައި އެބަހުރި: ސީޕީ
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ މުއައްސަސާގެ މުވައްޒަފުންގެ ކިބައިގައި އެބަހުރިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިފަދައިން ވިދާޅުވީ ރ. އިންނަމާދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސީޕީ ވިދާޅުވީ ފުލުހުންގެ ޒިންމާއަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުން ނޫން ކަމަށާއި ދިވެހި ފުލުހުންގެ ހިދުމަތަކީ ތަހުޒީބުވެފައިވާ މުޖުތަމައަކަށް ހިދުމަތްކުރުމަށް ތަމްރީނުވެ، ތައްޔާރުވެ ފައްކާވަމުންދާ ހިދުމަތެއް ކަމަށެވެ.
އަދި ޒަމާނީ ބަދަލުތަކަށް ތަމްރީނުހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ މުއައްސަސާގެ މުވައްޒަފުންގެ ކިބައިގައި އެބަހުރި ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
2004 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ހިދުމަތް ވަކި މުއައްސަސާއެއްގެ ގޮތުގައި ކަނޑައެޅި އޭގެ 21 އަހަރު ފަހުން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ރައްޔިތުންނާ ގާތުން ދިނުމަށް، މީހުން ދިރިއުޅޭ 187 ރަށުގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް އިންނަމާދޫގައި ޕޮލިސް ސްޓޭޝަން ހުޅުވުމަކީ ލިބިގެންދިޔަ އުފާވެރިކަމެއްގެ ގޮތުގައި ސީޕީ ސިފަކުރެއްވިއެވެ.
އަދި މި ކާމިޔާބީއަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ފުލުހުންގެ ހިދުމަތް ހަރުދަނާކޮށްދެއްވައި ފުލުހުންގެ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތް ފުރިހަމަކޮށްދެއްވުމަށް ކޮށްދެއްވާ މަސައްކަތްފުޅުގެ ނަތީޖާ. އަދި 2004 ވަނަ އަހަރު، މި ހިދުމަތަކީ މަދަނީ ހިދުމަތަކަށް ބަދަލުވެ ފުލުހުންނާ ރައްޔިތުންނާ ގާތުން ގުޅިގެން ހިދުމަތް ދިނުމަށް ދެކެމުންދިޔަ ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވި ކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާއަށް ފުލުހުންގެ ނަމުގައި ޝުކުރު އަދާކުރަން. ސީޕީ ނަވީން
ރައްޔިތުންނާ ގާތުން ދިވެހި ފުލުހުންގެ ހިދުމަތް ދިނުމަށް ވެލައްވާފައިވާ ވައުދުފުޅާ އެއްގޮތަށް، ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާންގެ ވިސްނުންފުޅާއި ކުރައްވާ މަސައްކަތްޕުޅާއި، ފުލުހުންގެ ޚިދުމަތުން ރިޓަޔާކުރައްވާފައިވާ ބޭފުޅުންގެ އިތުރުން ފުލުހުންގެ އެކި ބަހާތަކުން އެކި ފުލުހުން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވައި ސީޕީގެ ވާހަކަގައި ޝުކުރުއަދާކުރެއްވިއެވެ.
ވަރަށް ދަތި އުނދަގުލާއެކު ފުލުހުންގެ ހިދުމަތް ދިނުމަށް ފެށި މި ހިދުމަތް އަޅުގަނޑު ހަނދާން އެބަހުރި. ވަރަށް މަދު ތަނެއްގައި ވަރަށް މަދު ވަސީލަތާއެކު ފެށި މި ހިދުމަތް މިހާރު މިވަނީ ބަދަލުވެފައި. މި އަހަރު ކުރީކޮޅު މަސައްކަތް ފަށާފައިވާ އިންނަމާދޫ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވިގެން ދިއުމަކީ ކޮންމެ ރަށެއްގައި ވެސް ފުލުހުންގެ ހިދުމަތް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތް ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް. ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ފޯރުކޮށްދޭ މި ހިދުމަތަކީ ރައްކާތެރިކަން ލިބޭނެ ހިދުމަތެއް. ސީޕީ ނަވީން
ސީޕީ ވަނީ ފުލުހުންގެ މުއައްސަސާއަކީ ފުލުހުން އެކަނި ތިބެގެން ހިދުމަތްކުރެވޭނެ ތަނެއްނޫންކަން ފާހަގަކުރައްވާ ފުލުހުންގެ ހިދުމަތަށް އެއްބާރުލުންދޭ ބަޔަކީ ރައްޔިތުން ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، އެކަކު އަނެކަކަށް އިތުބާރުކޮށް މި ހިދުމަތުގެ އަގުވަޒަންކޮށް މި ހިދުމަތުގެ އަގު ހިފެހެއްޓުމަށް ހުރިހާ ފުލުހުން އަޒުމްކަނޑައަޅަންޖެހޭ ކަމަށާ އަދި އަމަލުން ދައްކަން ވެސް ޖެހޭކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ޓީމުތައް ބިނާވާންޖެހޭނީ އިތުބާރާއެކު އެކަކު އަނެކަކަށް އިހުތިރާމުކޮށް، ދިމާވާ ދަތި އުނދަގޫތަކުން އަރައިގަތުމަށް ގާބިލުކަންހުރި ހިތްވަރުގަދަ ބަޔަކަށް ކަމަށާއި އިންސާފުވެރިކަމާއި އަމާނާތްތެރިކަމާ އަދި ދެފުށް ފެންނަ ގޮތަށް ހިދުމަތް ދިނުމަކީ ރައްޔިތުންގެ އިތުބާރުހޯދުމަށް މުހިންމު އަސާސްތަކެއް ކަމަށާއި ކޮންމެ ދިމާއަކުން ވެސް ރައްޔިތުންނަށް ލިބޭ ރައްކާތެރިކަން ކަށަވަރުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އަދި ފުލުހުންގެ ހިދުމަތް ބިނާވެފައި ވަނީ ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއި ޒިންމާދާރުކަމުގެ މައްޗަށްކަން ހަނދާންކުރަން ޖެހޭކަން ފާހަގަކުރައްވައި އިންނަމާދޫ ޕޮލިސް ސްޓޭޝަނަކީ ފުލުހުންގެ ހިދުމަތުގެ އައު ބާބެއް ފެށިގެން ދާނެކަމެއް ކަމަށާ އަދި އެއީ މި ހިދުމަތް ދެމިއޮންނާނެ އުންމީދީ ރަމްޒެއްކަމަށް ވިދާޅުވިއެވެ.
