"ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް އަޕަރ ނޯތު ޕޮލިސްގައި ހާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުން"
ރައްޔިތުންގެ ބައިވެރިވުމާއެކު ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް އަޕަރ ނޯތު ޕޮލިސް (ހއ. ހދ. ށ) ގައި ހިމެނޭ ރަށްރަށުގައި ހާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށް އެ ރީޖަންގެ ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީ ވިދާޅުވެއްޖެއެވެ.
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީ މިފަދައިން ވިދާޅުވީ އަޕަރ ނޯތު ޕޮލިސް ރީޖަންގައި ރައްޔިތުންނާ ގުޅިގެން މުޖުތަމައަށް ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު މީޑިއާތަކާ އޮންލައިންކޮށް ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި، ރީޖަން ކޮމާންޑަރުގެ އިތުރުން ހއ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ޝިޒްލީންއާއި ށ. އަތޮޅު ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު އަބްދުﷲ ބައިވެރިވެެލެއްވިއެވެ. އަދި މި ބައްދަލުވުމުގައި ގިނަ މީޑިއާތަކުން ބައިވެރިވެފައިވާއިރު އެ މީޑީއަތުން ކުރި ސުވާލުތަކަށް ޖަވާބުދީފައިވެއެވެ.
މި ބައްދަލުވުމުގައި، ޗީފް ސުޕްރިންޓެންޑެންޓް އިބްރާހިމް ޒުހުރީ އިތުރަށް ވިދާޅުވީ ކޮމިއުނިޓީތަކުގައި ގާއިމުވެފައިވާ ފުލުހުން އާންމު ރައްޔިތުންނާއެކު ހަރުދަނާ ގުޅުމެއް އުފައްދައިގެން، ރައްޔިތުންގެ ބައިވެރިވުމާއި ފުރިހަމަ ހިއްސާއާއި އެހީތެރިކަމާއެކު ރައްކާތެރި ދުޅަހެޔޮ ވެއްޓެއް ގާއިމުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް މި އަހަރުގެ މިހާތަނަށް ކުރެވިފައިވާ ކަމަށެވެ.
އެގޮތުން ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އެކި މުއައްސަސާތަކާއި، ކައުންސިލުތަކާ އަދި އާންމު ރައްޔިތުންގެ ބައިވެރިވުމާއެކު ކޮމިއުނިޓީ އެންގޭޖްމަންޓް އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އަޕަރ ނޯތު ޕޮލިސް ރީޖަންގައި ހިންގާފައިވާ ޕްރޮގްރާމްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން އަތޮޅު ކޮމާންޑަރުން ފާހަގަކުރައްވާފައި ވަނީ ކުށުގެ ވެށިން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދަ މަސައްކަތުގެ ތެރެއިން، މަސްތުވާތަކެތި އެތެރެކުރުމާއި، ބޭނުންކުރާ މިންވަރު މަދުކުރުމަށް ތަފާތު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން 194 އޮޕަރޭޝަން ހިންގައި އެކި ތަންތަނާއި މީހުން ބަލައިފާސްކޮށް ތުހުމަތުކުރެވެ 169 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށްގެނެސްފައިވާ ކަމަށެވެ.
އަދި ވޭތުވެ ދިޔަ ދުވަސްތަކުގައި 1,797 މައްސަލަ ރިޕޯޓުކުރެވި އޭގެ ތެރެއިން 450 މައްސަލަ ލޮގްކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ތަހުގީގު ނިންމައި 292 މައްސަލައެއް ފައިލުކޮށްފައިވާއިރު 91 މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށާ އަދި މިވަގުތު 483 މައްސަލައެއް ތަހުގީގު ކުރެވެމުންދާކަން ފާހަގަކުރެއްވިިއެވެ.
އޭގެ އިތުރުން، ތަހުގީގުކުރާ ފުލުހުންގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، ކުޑަކުދިންގެ މައްސަލަތަކާއި ބޮޑެތި މައްސަލަތައް ތަހުގީގުކުރާ ފުލުހުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރީޖަންގެ ހުރިހާ ރަށެއް ހިމެނޭގޮތަށް ކޮމިއުނިޓީ އެންގޭޖްމަންޓް 297 ޕްރޮގްރާމް ހިންގާފައިވާއިރު އެ ޕްރޮގްރާމްތަކުގައ 13,200 މީހުން ބައިވެރިވެފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި ހޭލުންތެރިކުރުމުގެ 147 ޕްރޮގްރާމް ހިންގާފައިވާއިރު، މި ޕްރޮގްރާމުތަކުގައި ޖުމުލަ 6,734 މީހުން ބައިވެރިވެފައިވާ ކަމަށާއި ސްކޫލުތަކުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގައި 5,145 ދަރިވަރުންނަށް މައުލޫމާތު ދީފައިވާކަން ފާހަގަކުރެއްވިއެވެ.
