ނަޑެއްލާގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފި
ގދ. ނަޑެއްލާގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މިމަހުގެ 6 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ނަޑެއްލާގައި އަލަށް ފުލުހުން ގާއިމުވެގެން ތިބެ ހިދުމަތްދޭން ފެށުމާ ގުޅިގެން، ރަށުގެ ރައްޔިތުންނާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރުމަށާއި ގާނޫނާއި ގަވާއިދަށް އަހުލުވެރި ބަޔަކު ދިރިއުޅޭ އަދި ކުށް މަދު އަމާން ރަށަކަށް ނަޑެއްލާ ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ މިފަދަ ފުރަތަމަ ހަރަކާތެވެ.
މި ހަރަކާތުގެ ތެރެއިން، ގޭބިސީތަކަށް ޒިޔާރަތްކޮށް އަދި ރަށުގެ އެކި ސަރަހައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވާފައިވެއެވެ.
އަދި ރަށުތެރޭގައި ހުރި މައްސަލަތަކާއި ނޭދެވޭ ކަންކަން ފުލުހުންނާއި ރައްޔިތުން ގުޅިގެން ހައްލުކުރުމަށް މަސައްކަތްކޮށް އަމާން މުޖުތަމައެއް ރަށުުގައި ގާއިމުކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ހިޔާލުހޯދައި މަޝްވަރާކޮށްފައިވެއެވެ.
މީގެ އިތުރުން، ސްކޭމް ކޯލުތަކާއި އޮޅުވާލައިގެން ފައިސާ ހޯދާ ގޮތްތަކާއި އެފަދަ ކަންކަމުން ސަލާމަތްވެތިބުމަށް ކުރެވޭނެ ކަންކަން ކިިޔައިދީފައިވެއެވެ. އަދި ރައްކާތެރިކަމުގެ މައުލޫމާތު ހިމެނޭ ލީފްލެޓް ބަހާފައިވެއެވެ. އަދި ފުލުހުންނަށް މައްސަލަ ރިޕޯޓުކުރާނެ ގޮތް ކިޔައިދީ ސްޓޭޝަންގެ ފޯން ނަންބަރު ރައްޔިތުންނާ ހިއްސާކޮށްފައިވެއެވެ.
މި ހަރަކާތުގެ ތެރެއިން، ރަށުގައި ދުއްވާ އެއްގަމު އުޅަނދު ބަލައިފާސްކޮށް ރަނގަޅު ކުރަންޖެހޭ ކަމަށް ފާހަގަކުރެވުނު ކަންކަން ރަނގަޅު ކުރުމަށް ބައެއް ފަރާތްތަކަށް ނަސޭހަތްތެރިވެފައިވެއެވެ.
