logo
banner image

މާލޭގެ 08 ކެފޭއެއް ބަލައިފާސްކޮށް ޤަވާޢިދާ ޚިލާފަށް އުޅޭމުންދިޔަ 05 ބިދޭސީން ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޚަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް އިއްޔެ ޓާސްކް ފޯސްއިން މާލޭގައި ހުންނަ 08 ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ 05 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން މިހާރު ވަނީ ފަށާފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި "ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓްއޮޕަރޭޝަންސް" އިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އިމިގްރޭޝަނުން ވަނީ ހުޅުމާލެ ފޭސް 1ގެ އިންޑަސްޓްރިއަލް ސަރަހައްދުގައި ހިންގާ ގަރާޖުތައް ބަލައި ފާސްކޮށް ޖުމްލަ 69 ބިދޭސީއަކު ޗެކްކޮށް، އޭގެތެރެއިން ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ 14 މީހަކު ދާދި ފަހުން އިމިގްރޭޝަނުން ވަނީ ހައްޔަރުކޮށްފައެވެ.

ޤަވާއިދާ ޚިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންކަން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

މި މަސައްކަތްތަކުގެ މަގްސަދަކީ ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަންކަން ހަރުދަނާކޮށް، ޤާނޫނާ އެއްގޮތަށް އެމީހުންގެ އަމަލުތައް ބައްޓަންކުރުމެވެ. އަދި މިކަމުގެ ސަބަބުން ޤައުމުގެ އިގްތިސާދަށާއި އިޖްތިމާއީ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމެވެ.

އެހެންކަމުން ބިދޭސީ މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކުންނާއި، އާންމު ރައްޔިތުން މިކަމުގައި ޒިންމާދާރު ގޮތެއްގައި އަމަލުކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.