logo
banner image

ފާއިތުވި ހަފްތާގެ ތެރޭގައި ސްކޭމްގެ އެކި މައްސަލަތަކުން އެއް ލައްކައަށްވުރެ ގިނަ ފައިސާ ހޯދައިފި

މިދިޔަ ހަފުތާގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި ސްކޭމްގެ މައްސަލަތަކުގައި އެއް ލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް އެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 19ވަނަ ދުވަހުން ފެށިގެން މި މަހުގެ 25ވަނަ ދުވަހާ ހަމައަށް ސްކޭމްގެ 35 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަތަކުގައި 372،515.59 ރުފިޔާ ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާއިރު 148،781.94 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެންމެ ގިނައިން ހުށަހަޅާފައިވަނީ އީކޮމަރސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން އެފަދަ 13 މައްސަލައެއް ހުށަހަޅާފައިވެއެވެ.

ސްކޭމްގެ މައްސަލަތުގެ ތެރޭގައި ބޭރު ފައިސާ މާރު ކުރުމާ ގުޅުންހުރި މައްސަލަތަކާއި އިމްޕަރސަނޭޝަން ނުވަތަ މީހެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކާއި ތަފާތު ލިންކުތައް ފޮނުވައިގެންނާއި ވަޒީފާއާ ގުޅުންހުރި ސްކޭމްތައްވެސް ހިމެނެއެވެ.

އެގޮތުން ބޭރު ފައިސާ މާރުކުރުމާ ގުޅުންހުރި 6 މައްސަލައަކާއި އިމްޕަރސޮނޭޝަންގެ 9 މައްސަލައާއި ތަފާތު ލިންކުތައް ފޮނުވައިގެންނާއި ވަޒީފާއާ ގުޅުންހުރި 6 މައްސަލައެއްގެ އިތުރުން ސްކޭމާ ގުޅުންހުރި އެހެނިހެން 1 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭ އާއި އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި ފިޝިންގ ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސްއެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

އަދި ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ [email protected]އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބިގެންދާނެއެވެ.