ތުލުސްދޫ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތްވެސް ފަށައިފި
ކ. ތުލުސްދޫ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތްވެސް ފަށައިފިއެވެ.
މި މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުލުސްދޫއަށް ކުރެއްވި ދަތުރުފުގެ ތެރެއިންނެވެ.
ތުލުސްދޫގައި އަލަށް ޤާއިމުކުރި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި އެމްޓީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި ތުލުސްދޫ ދާއިރާގެ މެމްބަރާއި މީގެ އިތުރުން ކައުންސިލްގެ ރައީސް އަސްލަމް މޫސާއެވެ.
ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.
މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށަކީވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.
މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިއަހަރު ތެރޭގައިވެސް މިހާރު ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްރަށުގައި މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ފުލުހުންގެ އިމާރާތްތައް ނިމުމުން ކުށުގެ ވެށިން މީހުން ދުރުކުރުމަށް ޚާއްސަ ޕްރޮގުރާމެއް ފެށުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
އަލަށް އިމާރާތްކުރާ ފުލުހުންގެ ސްޓޭޝަންތަކުގައި ތަޙުޤީޤުކުރެވޭނެ ގޮތްގޮތާއި އިންޓަލެޖެންސް ސެލްތަކާއި ކަސްޓޯޑިއަލް ސެލްތަކުގެ އިތުރުން ވެހިކަލް ޓޯވިން ފެސިލިޓީއާއި ފުލުހުންގެ ވެހިކަލް މަރާމާތުކުރެވޭނެ ފެސިލިޓީތައް ޤާއިމުކުރެވޭނެއެވެ. އަދި މި ފެސިލިޓީތައް ރަށްރަށުގައި ޤާއިމުކުރެވުމާއެކު ކުށުގެ ވެށި ނައްތާލުމަށާއި ކުށުގެ ވެށީގައި މީހުން ހަރުނުލާނެ ގޮތްގޮތަށް ފުލުހުންގެ މަސައްކަތް ތަރުތީބުކުރުމަށް ޚާއްސަ ޕްރޮގުރާމެއް ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
