ށ.މިލަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި
ށ.މިލަންދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ.
މިލަންދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފަށްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިލަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
މި ޖަލްސާގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ހުރިހާ އަތޮޅެއްގައި ޤާއިމްކުރުމަކީ ރައީސްގެ ވަޢުދެކެވެ. އެ ވަޢުދު މިހާރު ފުއްދަވާފައިވާއިރު، ސަރުކާރުން މިހާރު ކުރިއަށްގެންދަނީ ވަކިވަކި ރަށްރަށުގައި އެ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތެކެވެ.
ދިވެހި ރައްޔިތުންގެ މައުލޫމާތު އެއްކޮށް އައިޑީ ކާޑު ދޫކުރަން ފެށިތާ، މިހާތަނަށް 41 އަހަރުވެފަވާއިރު އޮންލައިންކޮށް ދެމުން އައި ޕާސްޕޯޓް ޚިދުމަތާއި އަދި އައިޑީކާޑު ޚިދުމަތް ހޯދުމުގައި އިތުރު ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށްދީ، ވީހާވެސް ރައްޔިތުންނާ ގާތުން މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ނިންމެވީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގައެވެ.
މުޅި ރާއްޖޭގައި މި ޚިދުމަތް ޤާއިމުކުރުމުގެ އިތުރުން ދިވެހިން އާންމުކޮށް ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ. އެ ގޮތުން މެލޭޝިއާ، ސްރީލަންކާ އަދި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.