ކިހާދޫގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފި
ބ. ކިހާދޫ ރައްޔިތުންނާ ގާތުން ބައްދަލުކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ ހައްލުހޯދައިދިނުމަށް ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމަށް ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހުގެ 15 ވަނަ ދުވަހު ކިހާދޫ ޕޮލިސް ޕޯސްޓުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ރަށުގެ އެކި ސަރަހައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށް، ތަފާތު ކުށްތަކުން ރައްކާތެރިވުމަށް އަބަދުވެސް ހޭލުންތެރިވެ ތިބުމަށާއި އާންމުކޮށް ރަށުގައި ހިނގާ ކުށްތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ.
އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ތަފާތު ސްކޭމްތަކުގެ މައްސަލަތަކުން ރައްކާތެރިވާނެ ގޮތްތަކާއި، ރައްޔިތުންގެ ގެދޮރާއި މުދާ ރައްކާތެރިކޮށް ބެލެހެއްޓުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ.
އަދި ފުލުހުންނާ މެދު ރައްޔިތުން ދެކޭގޮތާއި، މުސްތަގުބަލުގައި ފުލުހުންގެ ފަރާތުން ދެކެން ބޭނުންވާ ނުވަތަ ފެންނަން ބޭނުންވާ މަންޒަރު އެނގޭނޭހެން މުހިންމު ކަންކަމާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.
މި ހަރަކާތަކީ ފުލުހުންނާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް މުޖުތަމައުގެ ރައްކާތެރިކަން އިތުރުކުރުމަށާއި ރައްޔިތުންނާއި އެންމެ ގާތުގައި ފުލުހުން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.