ހުޅުމާލޭގައި ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ އުޅަނދުތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފި
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި، ހަލާކުވެފައިވާ އަދި ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ އުޅަނދުތަކުގެ މައުލޫމާތު އެއްކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 14ވަނަ ދުވަހު ހުޅުމާލޭ ފުލުހުންނެވެ.
މި މަސައްކަތުގެ ތެރެއިން 716 އުޅަނދު ދެނެގަނެވިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ކާރާއި ސައިކަލުގެ އިތުރުން ޕިކަޕް އަދި ވޭންއެވެ. މި މައުލޫމާތު މިހާރުވަނީ ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައެވެ.
މި މަސައްކަތަކީ ފުލުހުންނާއި، އެޗްޑީސީއާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން، ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމާއި މަގުތަކަކީ އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ