logo
banner image

މިލަންދޫގައި ގާއިމްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި

ށ. މިލަންދޫގައި ގާއިމްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މިލަންދޫ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިލަންދޫއަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި އެރަށު ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހްގެ އިތުރުން އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރު ހަސަން މުފީދު އާއި މިލަންދޫ ރަށު ކައުންސިލްގެ ރައީސް ޢަބްދުﷲ ޢާޠިފްއެވެ.

ސަރުކާރުން މިމަސައްކަތް ހަވާލުކޮށްފައިވަނި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެވެ.

މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.

މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށަކީވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިއަހަރު ތެރޭގައިވެސް މިހާރު ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްރަށުގައި މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ފުލުހުންގެ އިމާރާތްތައް ނިމުމުން ކުށުގެ ވެށިން މީހުން ދުރުކުރުމަށް ޚާއްސަ ޕްރޮގުރާމެއް ފެށުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.