9.20 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ ދިވެހީން ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ކ. ކާށިދޫގައި ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނުގެ ތެރެއިން، ކާށިދޫގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހުން އަދި ތަންތަން ބަލައިފާސްކޮށްފައިވެއެވެ. އެގޮތުން، ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތުކުރެވޭ ތިން ތަނެއް މިހާތަނަށް ވަނީ ބަންދުކޮށްފައެވެ.
އަދި ކާށިދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކޮށް އަދި ބޭނުންކުރާކަމުގެ ތުހުމަތުގައި ދެ މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. މާލެއިން ކާށިދޫއަށް މަސްތުވާތަކެތި އެތެރެެކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިއަދު ހައްޔަރުކޮށްފައިވަނީ މާލެ / މ. ނަލަހިޔާމަންޒިލް، ޙަސަން މުނާޒް (40އ) އާއި މާލެ / މ. ބިންއުނިމާގެ، އިބްރާހީމް ޒައިދު (46އ)އެވެ.
އެ ރަށު މަގުމަތިން މި ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 9.27 ގުރާމެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.