logo
banner image

ޓެކްސީ ޑްރައިވަރުން ތާޒާކުރުމުގެ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންގޮސްފި

ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ ސިލްސިލާ ޕްރޮގްރާމު ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންގޮސްފިއެވެ.

މި މަހު 10ވަނަ ދުވަހުން ފެށިގެން މި މަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ގުޅިގެން ކުރިއަށް ހަރަކާތެކެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށި ސިޓީގައި ޓެކްސީ ޑްރައިވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ޓެކްސީ ޑްރައިވަރުންގެ ގޮތުގައި އަލަށް މި ދާއިރާއަށް ނުކުންނަ ފަރާތްތަަކަށް ހާއްސަކޮށްގެންނެވެ.

މި ޕްރޮގްރާމު ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކުޅުދުއްފުށި ސިޓީ ޕޮލިސް ކޮމާންޑަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި މަގުމަތީގައި ދިމާވާ އެކްސިޑެންޓުތައް މަދުކުރުމަށް އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި ހާދިސާއެއް ދިމާވާ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީގޮތާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ. ހަމަ އެހެންމެ، ގަވާއިދާ އެއްގޮތަށް އުޅަނދު ޕާކުކުރުމަށާއި ތިމާއާއި އަނެކުންގެ ސަލާމަތަށް ރައްކާތެރިވުމަށާއި ހާއްސަ ގޮތެއްގައި ސްކޫލު ދަރިވަރުން ސްކޫލަށްދާ ވަގުތާއި ސްކޫލު ނިމޭ ވަގުތަކީ މަގުތައް ހަލަބޮލިވާނެ ވަގުތަށް ވުމާއެކު، އެވަގުތުތަކުގައި އިތުރަށް ސަމާލުކަންދީގެން އުޅަނދު ދުއްވުމަށް ނަސޭހަތްތެރިވެފައިވެއެވެ.

މީގެ އިތުރުން މަގުމައްޗަކީ އެންމެންނަށް ވެސް ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ފަރުދީ ޒިންމާ އަދާކުރުމަށް ވެސް ނަސޭހަތްތެރިވެފައިވެއެވެ.

މި ޕްރޮގްރާމަކީ ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ މީހުންނާއި ޓެކްސީ ޑްރައިވަރުންގެ ގޮތުގައި މިހާރު ވެސް ހަރަކާތްތެރިވާ މީހުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މަގުމައްޗަކީ އެންމެންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށާއި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ޓެކްސީ ޑްރައިވަރުން ތާޒާކޮށް ހޭލުންތެރިކުރުވުމަށް ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަނުން ގެންދަނީ މައުލޫމާތު ދިނުމުގެ މިފަދަ ތަފާތު ޕްރޮގްރާމުތައް ހިންގަމުންނެވެ.