ސައްޚަ ނޫން ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި
ގއ. ވިލިނގިލީ އެކި ފިހާރަތަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ރޯޒީ / މާލެ، މުޙައްމަދު ޝާރިފް (37އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ވިލިނގިލީ އެކި ފިހާރަތަކުން ތަކެތި ގަނެ އޮންލައިންކޮށް ފައިސާދެއްކި ކަމަށް ބުނެ ސައްހަ ނޫން ސްލިޕް ފޮނުވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މި މަހުގެ 12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އެކި ފިހާރަތަކުން 1500 ރުފިޔާގެ ތަކެތި އޭނާ ނަގާފައިވާ ކަމަށް ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވެއެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ޝާރިފް (37އ)ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 8 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ސައްޚަ ނޫން، ބެންކު ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރުމާއި ޚިދުމަތް ހޯދުން ހުއްޓުވުމަށާއި، ވިޔަފާރި މުއާމަލާތްތަކުގައި އެންމެ އެކަށޭނަ ގޮތްތައް ވިޔަފާރިވެރިންނަށް ކިޔައިދީ ހޭލުންތެރިކުރުވުމަށް "އޮޕަރޭޝަން ފޭކް ސްލިޕް"ގެ ނަމުގައި ޚާއްސަ ހަރަކާތެއް ފުލުހުން ވަނީ ފަށާފައެވެ.
މި ހަރަކާތުގައި، ޚިދުމަތް ހޯދުމަށްފަހު ސައްޚަ ނޫން، ބެންކު ޓްރާންސްފަރ ސްލިޕް ހުށަހަޅާ ކަސްޓަމަރުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވޭތޯ ބެލުމާއި ބެންކު ޓްރާންސްފަރ މެދުވެރިކޮށް ވިޔަފާރިކުރަނީ ކިހާވަރަކަށްތޯ ދެނެގަނެ ހޭލުންތެރިކުރުވުމަށް މައުލޫމާތުދޭނެއެވެ.
އަދި ސައްޚަކަން ކަށަވަރުކުރުމަށް ބެންކު ސްޓޭޓްމަންޓް ޗެކްކުރުން، މުއާމަލާތުގެ ރިފަރެންސް ބެލުން ފަދަ ކަންކަން ދެނެގަތުމާއި ސައްޚަ ސްލިޕާއި ޝައްކުވާ ޓްރާންސްފަރ ސްލިޕްތައް ދެނެގަތުމަށް އަހުލުވެރިވެފައިވޭތޯ ބަލައި އިތުރަށް އަހުލުވެރިކުރުވުމަށް ވެސް މައުލޫމާތުދޭނެއެވެ.
އަދި ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ސައްހަނޫން ނުވަތަ ލަސްވާ، ބެންކް ޓްރާންސްފާތަކާ ގުޅޭ އެއްވެސް މައްސަލައެއް ކުރިމަތިވެފައިވޭތޯ ބަލައި ހޭލުންތެރިކުރުވުމަށް މައުލޫމާތުދިނުމުގެ އިތުރުން، މަކަރާއި ހީލަތުގެ އެއްވެސް ކަމެއް ދިމާވެއްޖެނަމަ ނުވަތަ ޝައްކުކުރެވޭ ކަމެއް ފާހަގަވެއްޖެނަމަ އަމަލުކުރާނެެގޮތާއި މިފަދަ ކަމެއް ދިމާވެއްޖެނަމަ މީހާގެ ސިފަތައް ދެނެގަތުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މި އޮޕަރޭޝަނުގައި މައުލޫމާތުދޭނެއެވެ.