ފޯކައިދޫ ރައްޔިތުން ސްކޭމް މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތުދީފި
ސްކޭމް މައްސަލަތަކުން ރައްޔިތުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ށ. ފޯކައިދޫގައި ކުރިއަށް ގެންގޮސްފިއެވެ.
މިމަހުގެ 12ވަނަ ދުވަހު ފޯކައިދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ސެޝަނަކީ ފޯކައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ފޯކައިދޫ ޕޮލިސް ސްޓޭޝަނާއި އެންޓި ސްކޭމް ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
މި ސެޝަނުގައި، މައުލޫމާތު ދީފައިވަނީ އެންޓި ސްކޭމް ސެންޓަރުގެ ފަރާތުންނެވެ. އެގޮތުން، އިންޓަނެޓް ބޭނުންކުރާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ބްލެކްމެއިލްކޮށްގެން ހިންގާ ކުށްތަކާއި އެފަދަ އެއްވެސް ކަމެއް ދިމާވެއްޖެ ހާލަތެއްގައި ފުލުހުންނަށް ރިޕޯޓްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އަދި ތިމާގެ ޒާތީ މައުލޫމާތު އެއްވެސް މީހަކަށް ހިއްސާނުކުރުމަށާއި ކޭޝްކާޑު، ޕިންނަންބަރު ފަދަ އެއްވެސް މައުލޫމާތެއް ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. މީގެއިތުރުން، ސްމާޓް ފޯނާއި ލެޕްޓޮޕް އަދި ކޮމްޕިއުޓަރު ފަދަ އިލެކްޓްރޯނިކްސް އާލާތްތައް ރައްކާތެރިކުރާނެ ގޮތްތަކާއި އީމެއިލް އަދި ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ޕްރައިވަސީ ސެޓިންގ ހަދާނެގޮތް ކިޔައިދީފައިވެއެވެ.
މި ވަސީލަތްތައް މެދުވެރިކޮށް ކުށްކުރާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތަކާއި ރައްކާތެރިވުމަށް ކުރެވޭނެ ކަންކަންވެސް މި ސެޝަންގެ ތެރޭގައި ކިޔައިދީފައިވެއެވެ.
މީގެ އިތުރުން ބަވަނަ ވަމުންދާ ދުނިޔޭގައި ޓެކްނޮލޮޖީގެ ތެރެއިން ދަރިން ތަރުބިއްޔަތުކުރާނެ ގޮތާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ނަމޫނާ ބެލެނިވެރިއަކަށް ވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން މިފަދަ މުޖުތަމައެއްގައި ނަމޫނާ ބެލެނިވެރިއެއްގެ ދައުރާއި ދަރިން ތަރުބިއްޔަތުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއެކު ދަރިން ތަރުބިއްޔަތުކުރާނެ ގޮތާއި ރަނގަޅު އަހުލާގެއްގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމަށް ބާރުއަޅައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އަދި ދަރިން އިންޓަނެޓް ބޭނުންކުރާއިރު ބެލެނިވެރިން އެކަން މޮނީޓަރކުރުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ރައްކާތެރި ނޫންގޮތުގައި އިންޓަނެޓް ބޭނުންކުރުމުން ދިމާވާނެ ނޭދެވޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން، ބައެއް އެޕްލިކޭޝަންތަކުގެ އެހެނިހެން މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.
އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްޔިތުން ރައްކާތެރިކޮށް ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމަށް އަތޮޅުތެރޭގައި ފުލުހުން ގެންދަނީ ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.