ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރުމަށް ހިރިޔާ ސްކޫލު ދަރިވަރުންނަށް މައުލޫމާތުދީފި
ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރުމަށް ހިރިޔާ ސްކޫލު ދަރިވަރުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަން ކުރިއަަށް ގެންގޮސްފައިވަނީ މާފަންނު ޕޮލިސް ނެއިބަރހޫޑް ސަޕޯޓާއި، ކްރައިމް ޕްރިވެންޝަނާއި، ސައިބަރ ކްރައިމް ސެންޓަރު ގުޅިގެން، މިމަހުގެ 1 ވަނަ ދުވަހުއެވެ.
މި ސެޝަނުގައި، ހިރިޔާ ސްކޫލުގެ ގްރޭޑް 9 އަދި 10ގެ 294 ދަރިވަރުން ބައިވެރިވިއެވެ. މި ސެޝަނުގައި، ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތްތަކާއި، އިންޓަނެޓް މެދުވެރިކޮށް ހިންގާ ނޭދެވޭ ކަންކަމުން ރައްކާތެރިވާނެ ގޮތްތައް ކިޔައިދީފައިވެއެވެ. އަދި އިންޓަނެޓް މެދުވެރިކޮށް ކުރެވޭނެ ފައިދާހުރި ރަނގަޅު ކަންކަން ކިޔައިދީފައިވެއެވެ.
މި ސެޝަންގެ މައިގަނޑު މަގުސަދަކީ، ކުރިއަރަމުން އަންނަ އިންޓަނެޓްގެ ދުނިޔޭގައި ދަރިވަރުންނަށް ރައްކާތެރިކަމާއެކު، ޒިންމާދާރު ގޮތެއްގައި އިންޓަނެޓް ބޭނުން ކުރުމަށް ހޭލުންތެރިކުރުވުމެވެ. އަދި އިންޓަނެޓާ ގުޅޭ ވަސީލަތްތައް ރަނގަޅަށް ބޭނުންކުރުމާއި، ސައިބަރ ސޭފްޓީގެ މުހިންމުކަމާއި ޑިޖިޓަލް ރެސްޕޮންސިބިލިޓީގެ މައްޗަށް ދަރިވަރުންނަށް މައުލޫމާތު ދިނުމަކީ ވެސް މި ސެޝަންގެ މުހިންމު ބޭނުމެކެވެ. މިފަދަ ސެޝަންތަކުގެ ސަބަބުން ދަރިވަރުން އޮންލައިންގެ ނުރައްކާތަކުންނާއި ސައިބަރ ކުށްތަކުން ރައްކާތެރިވުމަށް ވަރަށް ބޮޑަށް އެހީތެރިވެގެންދެއެވެ.
ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތައް މާލެ ސަރަހައްދާއި އެކި ރަށްރަށުގައި ދަނީ ކުރިއަށް ގެންދަމުންނެވެ. މި މަސައްކަތުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައި އިންޓަނެޓްގެ ރައްކާތެރިކަމަށް ދެވޭ ސަމާލުކަން އިތުރުވެ، ސައިބަރ ކުށްތަކުން ރައްކާތެރިވުމަށް ބާރުއަޅާނެއެވެ.