logo
banner image

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހިތަދޫ ޓެކްސީ ޑްރައިވަރުންނަށް މައުލޫމާތުދީފި

އައްޑޫ ސިޓީ ހިތަދޫ ޓެކްސީ ޑްރައިވަރުންނަށް ހާއްސަކޮށްގެން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ މަހުގެ 31ވަނަ ދުވަހު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އައްޑޫ ސިޓީ ޕޮލިސް ގުޅިގެންނެވެ.

ހިތަދޫ 20 ޓެކްސީ ޑްރައިވަރުން ބައިވެރިވި މި ސެޝަނުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ޓެކްސީ ދުއްވާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި، ހާދިސާތަކުގައި އަމަލުކުރާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވައި މައުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ، ރާއްޖޭގެ މަގުތަކަކީ ރައްޔިތުންނަށް ސަލާމަތްތެރި ތަނަކަށް ހެދުމަށްޓަކައި ފުލުހުން ކުރިއަށް ގެންދާ “ރައްކާ” ޕްރޮގްރާމްގެ ދަށުންނެވެ. ޓެކްސީ ޑްރައިވަރުންނަކީ ގިނަ ވަގުތު މަގުމަތީގައި އުޅެންޖެހޭ ބައެއް ކަމުން، އެފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މުހިންމު މައުލޫމާތު ފޯރުކޮށްދިނުމަކީ މަގުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ވަރަށް މުހިންމު ކަމެކެވެ.

މި ޝެޝަނުގައި ބައިވެރިވި ޑްރައިވަރުން ވެސް ވަނީ މިފަދަ ޕްރޮގްރާމްތަކުގެ މުހިންމުކަން ފާހަގަކޮށް އަދި މަގުމަތީގެ ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި މިފަދަ ތަމްރީނުތައް ގިނައިން ބޭއްވުމަށް އެދިފައެވެ. މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ޕްރޮގްރާމްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.