މިދިޔަ މަހު ވޭޕްގެ އެކި މައްސަލަތަކުގައި 30 މީހަކު ޖޫރިމަނާކޮށްފި
މިދިޔަ މަހު ވޭޕްގެ އެކި މައްސަލަތަކުގައި 30 މީހަކު ޖޫރިމަނާކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން މިދިޔަ މަހު ވޭޕާއި ގުޅުންހުރި 11 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު ރިޕޯޓުކުރި 11 މައްސަލައިގެ ތެރޭގައި އިލެކްޓްރޯނިކް ވޭޕްއާ އެފަދަ އާލާތްތައް ގެންގުޅުމުގެ 4 މައްސަލައަކާއި، ވޭޕް ބޭނުންކުރުމުގެ 4 މައްސަލައެއްގެ އިތުރުން ވޭޕާއި ގުޅޭ އެހެނިހެން 3 މައްސަލައެއް ހިމެނެއެވެ.
ވޭޕާއި ގުޅޭ މައްސަލަތަކުގައި މިދިޔަ މަހު 30 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. އަދި މިމައްސަލަތަކުގައި ޖުމްލަ 150،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށާއި މީގެތެރޭގައި ހިމެނެނީ ވޭޕާއި އިލެކްޓްރޯނިކް ވޭޕް އާލާތްތައް ގެންގުޅުނު ކަމުގެ 16 މައްސަލައެއްގައި ޖޫރިމަނާކޮށްފައިވާ 65000 ރުފިޔާއެވެ. އަދި އަދި ވޭޕާއި ވޭޕްކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތައް ބޭނުންކޮށްގެން 14 މައްސަލައެއްގައި ޖޫރިމަނާގެ ގޮތުގައި 85000 އަރާފައިވެއެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން އަދި ވިއްކުމާއި ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ވަނީ އިސްލާހުގެނެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ޢަމަލުކުރަން ފަށާފައެވެ. މިއާއެކު މިފަދަ ތަކެތި ރާއްޖެ އެތެރެކޮށް ބޭނުންކުރާފަރާތްތަކާއި ވިއްކާ ފަރާތްތަކާ މެދު މިޤާނޫނުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.
އެގޮތުން ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ އާލާތެއް ރާއްޖެއަށް އެތެރެކޮށްފިނަމަ 50000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށް ޤާނޫނުގައިވަނީ ކަނޑައަޅާފައެވެ.
ޤާނޫނަށް ގެނައި އިސްލާޙާއެކު ވޭޕްކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50000 ރުފިޔާގެ ޖޫރިމަނާއެއްކުރާނެ ކަމަށް ޤާނޫނުގައިވަނީ ބަޔާންކޮށްފައެވެ.