logo
banner image

ފުލުހުންގެ ޔުނިފޯމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ސިފައެއް ނޫން: ސީޕީ

ފުލުހުންގެ ޔުނިފޯމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ސިފައެއް ނޫން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާލް ނަވީން ވިދާޅުވެއްޖެއެވެ.

40ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ފުލުހުންގެ ޔުނިފޯމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ސިފައެއް ނޫން ކަމަށާއި ފުލުހުންގެ ޔުނީފޯމަކީ މަސްއޫލިއްޔަތާއި ޒިންމާތަކާއެކު ކޮނޑުގައި އެޅިފައިވާ ވާޖިބެއްގެ ނިޝާން ކަމަށެވެ.

މީހުންނަށް ބޯލަނބައި، ގަޑިއަށް ފަރުވާތެރިވުމާއި ހެދުން އެޅުމުގައި ގެންގުޅޭ ރީތި ސިފަތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސިފަ ދައްކުވައިދޭ ކަންތައްތަކެއް. ހަގީގީ ދުނިޔޭގައި ފުލުހުންގެ ގޮންޖެހުންތަކަށް ތިޔަ ފުލުހުން މިހާރު ވަނީ ތައްޔާރުކުރެވިފަ. ކުށްކުރުމާއި މަސްތުވާތަކެއްޗާ، އިޖުތިމާޢީ މައްސަލަތަކާއި، އަދި ކުއްލި ހާލަތްތަކާ ކުރިމަތިލާން ޖެހޭނެ. ބައިވެރިން ވާންވާނީ ފުލުހުންގެ އިއްޒަތާއި ގަދަރު ހިފަހައްޓާ ބަޔަކަށް. އެކަންކުރާނެ ކަމުގެ ޔަގީންކަން އެބައޮތް. ސީޕީ ނަވީން

ފުލުހުންނަކީ މުޖުތަޢުގެ ބަލަދުވެރިންކަން ފާހަގަކުރައްވާ ސީޕީ ނަވީން ވިދާޅުވީ ރައްޔިތުންގެ އިޙްތިރާމް ހޯދުމަށް ފުލުހުން އަބަދުވެސް މަސައްކަތް ކުރަންވާނެ ކަމަށާއި، އިންސާފުވެރިކަމާއި ލޯތްބާއިއެކު ޚިދުމަތްކުރަންވާނެ ކަމަށެވެ.

އަސާސީ ތަމްރީން ކޯހުގެ ދަސްވެނިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ގްރެޖުއޭޓްވުމަކީ ދަތުރެއްގެ ނިމުން ނޫން ކަމަށާއި އެއީ ދަތުރެއްގެ ފެށުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި މަސައްކަތް ކުރަން ޖެހުނު ކަމުގައިވީނަމަވެސް ފުލުހުން ތިޔަ ތިބީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

40ވަނަ އަސާސީ ތަމްރީނު ކޯހުގައި 97 ފިރިހެން ފުލުހުންނާއި 41 އަންހެން ފުލުހުންނާއެކު ޖުމްލަ 138 ފުލުހުން ބައިވެރިވެފައިވެއެވެ. އަދި 116 ފުލުހުން ފާސްވެ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެއެވެ.

ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި، ދީނީ ވާޖިބުތަކާއި އިސްލާމީ ރިވެތި އަހުލާގާއި އިންސާނީ ހައްގުތައް އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ފަދަ ބައިތަކާއެކު ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ.