logo
banner image

މިނިސްޓަރ ޠާރިޤް އިބްރާހީމް އޭޝިއާ ޕެސިފިކް މިނިސްޓަރުންގެ ފޯރަމްގެ ނާއިބު ރައީސްކަމަށް އިންތިޚާބުކުރައްވައިފި

ތިމާވެށީގެ ދާއިރާގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ހިތްވަރެއްގެ ގޮތުން، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހީމް، އޭޝިއާ ޕެސިފިކްގެ އެންވަޔަރަންމަންޓް އޮތޯރިޓީތަކާއި މިނިސްޓަރުންގެ ފޯރަމްގެ ހަވަނަ ސެޝަންގެ މިނިސްޓީރިއަލް ސެގްމެންޓްގެ ބިއުރޯގެ ނާއިބު ރައީސްކަމަށް އިންތިޚާބުކުރައްވައިފިއެވެ.

މި މަޤާމަށް މިނިސްޓަރ ޠާރިޤް އިބްރާހީމް އިންތިޚާބުވެފައިވަނީ، މި ސަރަޙައްދުގެ ޤައުމުތަކުން ވޯޓުދީގެންނެވެ. މިއީ ތިމާވެށި ރައްކާތެރިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއިން ދުނިޔޭގެ މަސްރަޙުގައި ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ގަދަރެއް ކަމަށް ބެލެވެއެވެ.

އޭޝިއާ ޕެސިފިކް ސަރަޙައްދުގެ އެންވަޔަރަންމަންޓް އޮތޯރިޓީތަކާއި މިނިސްޓަރުންގެ މި ފޯރަމަކީ، ސަރަޙައްދީ ތިމާވެށީގެ މައްސަލަތަކަށް ޙައްލު ހޯދުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމަށް މަޝްވަރާކޮށް ގޮތްތައް ނިންމާ މުހިއްމު މަންސައެކެވެ. މި ފޯރަމްގެ ބިއުރޯގެ ނާއިބު ރައީސްކަމުގެ މަޤާމު ރާއްޖެއަށް ލިބުމަކީ، މި ސަރަޙައްދުގައި ތިމާވެށީގެ ސިޔާސަތުތައް އެކުލަވާލުމާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.