ފިޖީގެ ތިމާވެއްޓާބެހޭ މިނިސްޓަރާ، މިނިސްޓަރ ޠާރިޤް އިބްރާހިމް ބައްދަލުކުރައްވައިފި
އޭޝިއާ-ޕެސިފިކްގެ ތިމާވެއްޓާބެހޭ ވަޒީރުންނާއި އިދާރާތަކުގެ ހަވަނަ ފޯރަމްގެ ތެރެއިން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ތިމާވައްޓާބެހޭ މިނިސްޓަރ، އޮނަރަބަލް ޠާރިޤް އިބްރާހިމް، ފިޖީގެ ތިމާވެއްޓާއި ކްލައިމެޓް ބަދަލުވުމާބެހޭ މިނިސްޓަރ، މާތްމަޢުސޫމް މޮސެސީ ބުލިތާވޫއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މި ފޯރަމްގެ ދެމެދުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ތިމާވެށި ރައްކާތެރިކުރުމާއި ކްލައިމެޓް ބަދަލުވުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ޚާއްސަ ގޮތެއްގައި، ކުޑަ ރަށްފިނި ޤައުމުތަކަށް (SIDS) ދިމާވާ މިފަދަ މައްސަލަތަކަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
އޭޝިއާ-ޕެސިފިކްގެ ތިމާވެއްޓާބެހޭ ވަޒީރުންނާއި އިދާރާތަކުގެ ހަވަނަ ފޯރަމަކީ، މި ސަރަޙައްދުގެ ޤައުމުތަކަށް ތިމާވެށީގެ ގޮތުން ދިމާވާ ގޮންޖެހުންތަކާއި އެކަންކަމަށް ހައްލު ހޯދުމަށް މަޝްވަރާކުރުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ. މިފަދަ ފޯރަމްތަކުން ލިބޭ ފުރުސަތުތަކުގެ ބޭނުންކޮށްގެން، ދިވެހިރާއްޖެ ފަދަ ޤައުމުތަކުން ދުނިޔޭގެ ފެންވަރުގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބައިވެރިވެ، ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންދެއެވެ.