logo
banner image

ނޫސްވެރިން އިއްޔެ ކުރި މުޒާހަރާގައި އެއްވެސް ނޫސްވެރިއަކު ހައްޔަރެއްނުކުރޭ: ވަޒީރު

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބިލާ ގުޅިގެން އިއްޔެ ނޫސްވެރިން ކުރި މުޒާހަރާގައި އެއްވެސް ނޫސްވެރިއަކު ހައްޔަރުކޮށްފައިނުވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މުޒާހަރާގައި ނޫސްވެރިންތަކެއް ހައްޔަރުކޮށްފައިވާ ކަަމަށް ވިދާޅުވެ އެ ނޫސްވެރިން މިނިވަންކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލެއްވުމާ ގުޅިގެންނެވެ.

ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ މުޒާހަރާއާ ގުޅިގެން އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާކަން ކަށަވަރު ކޮށްދެއްވާފައެވެ.

ވަޒީރު ވިދާޅުވީ ނޫސްވެރިން މުޒާހަރާ ކުރީ ގްރީން ޒޯން ނުވަތަ މުޒާހަރާއާއި އެއްވުންތައް ނުބޭއްވޭ ސަރަހައްދުތަކުގައި ކަމަށެވެ. އެގޮތުން، ނުސްވެރިން މުޒާހަރާކޮށްފައިވަނީ ރައީސް އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގެ ކުރިމަތީގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ގްރީން ޒޯންގައި މުޒާހަރާ ކުރުމަކީ ޤާނޫނާ ޚިލާފު އަމަލެއް ކަމަށާއި ފުލުހުން އެ ނޫސްވެރިން އެ ސަރަހައްދުން ދުރައްޖެއްސީ ނަސޭހަތްދީ، އިންޒާރު ދިނުމަށްފަހު އެ ކަންކަމަށް އިޖާބަ ނުދިނުމުން ކަމަށްވެސް ދާޚިލީ ސަލަމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ވިދާޅުވިއެވެ.

މި މުޒާހަރާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނުގައިވެސް ވިދާޅުވީ އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި އަދި ނޫސްވެރިންނަށް ގްރީންޒޯނުން ދިއުމަށް އިރުޝާދު ދެއްވި ކަމަށެވެ.