ޑީއެންއާރް އާއި ގއ.އަތޮޅު ކައުންސިލްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އާއީ ގއ.އަތޮޅު ކައުންސިލްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއީ ގއ. އަތޮޅު ކައުންސިލާއެކު އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމަށްޓަކައި ސޮއިކުރި އެއްބަސްވުމެކެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ޑީ.އެން.އާރު ހިންގުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބް އަޙްމަދު އާލީއެވެ. ގއ. އަތޮޅު ކައުންސިލްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ގއ. އަތޮޅު ކައުންސިލްގެ ރައީސް ޢިބްރާޙީމް ޝަހީންއެވެ.
ޑީއެންއާރ އިން ބުނެފައިވަނީ މިއަދު މި ސޮއިކުރި ފަހުމުނާމާއަކީ ސަރުކާރުގެ ހިދުމަތްތަށް ފަސޭހަ ކަމާއި އެކު ރައްޔިތުންނަށް ފޯރުކޮއްދިނުމަށް އެޅި ރަނގަޅު ފިޔަވަޅެއް ކަމަށެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން މަޢުލޫމާތު ދޭގޮތުގައި މި ސޮއި ކުރެވުނު ފަހުމުނާއާއެކު ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ގއ. އަތޮޅު ކައުންސިލުން ކާޑު ޕްރިންޓްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޚިދުމަތް ފެށިގެންދާނެ. -މިނިސްޓަރުގެ ނައިބް އަޙްމަދު އާލީ
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން މިފަދަ ފަހުމުނާމާއެއްގައި ސޮއިކޮށްފަވާއިރު ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން އައިޑީ ކާޑު ޔުނިޓް ނުވަތަ ޑީއެންއާރުގެ މަސައްކަތްތައް ބައްޓަން ކުރުމުގެ ގޮތުން ޚާއްސަ ޕޯޓަލްއެއް "ނާރެސް" ތަޢާރަފްކުރުމަށް ވަނީ ނިންމާފައެވެ.
ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން އެދެވޭ ގޮތް ހެދުމަށް ޑީއެންއާރުން ނާރެސް ޕޯޓަލް ބޭނުންކުރަން ނިންމާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ،
ނާރެސް މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީކާޑްގެ ސްޓޭޓަސް ބެލުމާއި މާލެއެކޭ އެއްފަދައިން އައިޑީ ކާޑް ދޫކުރުން އަދި އެޕްލިކޭޝަންތައް ބަލައިގަތުމަށް ހިދުމަތް ލިބިގެންދާނެއެވެ. ހަމަ އެއާއެކު ކޮންމެ ކައުންސިލަކަށް 10 އިނގިލީގެ ނިޝާން ނަގާ ފިންގާ ޕްރިންޓް ޑިވައިސްތަކެއްވެސް ހަވާލުކުރެވޭނެއެވެ.
ނާރެސް ޕޯޓަލް އާއެކު އޮޕަރޭޝަން ކުރަނގި 2 ފެށުމުގެ ރަސްމިއްޔާތު ވެސް އޮންނާނެއެވެ. މިއީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުގެ އިސްވެރިންނާއި، އަދި އަތޮޅު ކައުންސިލްތަކުގެ އިސްވެރިންނަށް ދައުވަތު އެރުވިގެން ކުރިއަށް ގެންދާ ރަސްމިއްޔާތެކެވެ.