logo
banner image

ޓެކްސީ ޑްރައިވަރުން ތަމްރީނު ކުރުމާއި ތާޒާކުރުމުގެ މި އަހަރުގެ ތިންވަނަ ޕްރޮގްރާމު ކުރިއަށް ގެންގޮސްފި

ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ ސިލްސިލާ ޕްރޮގްރާމުތަކުގެ ތެރެއިން މި އަހަރުގެ ތިންވަނަ ޕްރޮގްރާމު ކުރިއަށް ގެންގޮސްފިއެވެ.

މި މަހުގެ 13 އިން 16 އަށް ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ސިންތެޓިކް ޓްރެކް ޓްރެއިނިންގ ކުލާހުގައެވެ.

މި ޕްރޮގްރާމަކީ ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ މީހުންނާއި ޓެކްސީ ޑްރައިވަރުންގެ ގޮތުގައި މިހާރު ވެސް ހަރަކާތްތެރިވާ މީހުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އެކްސިޑެންޓުތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުންނާއި އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީގޮތާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.

އަދި މަގުމަތީގެ ހަމަތަކާއި ގަވާއިދާ އެއްގޮތަށް އުޅަނދު ޕާކުކުރުމަށާއި ތިމާއާއި އަނެކުންގެ ސަލާމަތަށް ރައްކާތެރިވުމަށް އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ. އަދި މަގުމައްޗަކީ އެންމެންނަށް ވެސް ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ފަރުދީ ޒިންމާ އަދާކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

މި ޕްރޮގްރާމުގައި، ޑްރައިވަރުންގެ ގޮތުގައި އަލަށް ހިދުމަތަށް ނުކުތް 205 މީހުންނާއި މިހާރު ޑްރައިވަރުންގެ ގޮތުގައި ހިދުމަތުގައި ތިބި 83 މީހުން ބައިވެރިވިއެވެ.