ވޯލްޑް ބޭންކްގެ އިސްވެރިންނާ ސްޓޭޓް މިނިސްޓަރު ބައްދަލުކުރައްވައިފި
އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސް (ISA) ގެ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގެ ހަވާސާގައި، ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދު އަދި މިނިސްޓްރީގެ އިސް އޮފިޝަލުން، ވޯލްޑް ބޭންކްގެ ޕްރެކްޓިސް މެނޭޖަރ މިސްޓަރ ރާހުލް ކިޗްލޫ އާއި އެޓީމާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށްގެންދެވުނީ، ދެފަރާތުން ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތުތައް އިތުރަށް ހޯދުމުގެ މަޤްސަދުގައެވެ.
މި ބައްދަލުވުމުގައި، މިހާރު ރާއްޖޭގައި ކުރިއަށްދާ ހަކަތައާ ގުޅުންހުރި މަޝްރޫޢުތަކާ ބެހޭގޮތުން ފުޅާކޮއް މަޝްވަރާކުރެވުނެވެ. ޚާއްސަކޮށް، އިޔާދަކުރެނެވި ހަކަތަ (renewable energy) އާއި ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް، ވޯލްޑް ބޭންކްގެ އެހީތެރިކަން ލިބެމުންދާ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތު ބަދަލުކުރެވުނެވެ.
އަދި، މުސްތަޤްބަލުގައި ހަކަތައިގެ ދާއިރާއިން ރާއްޖެއަށް ލިބިދާނެ އެއްބާރުލުންތަކާއި އެހީތެރިކަމުގެ އިތުރު ފުރުސަތުތައް ހޯދުމަށް ވެސް މި ބައްދަލުވުމުގައި ބެލެވުނެވެ. މިގޮތުން، ދެމެހެއްޓެނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢުތަކާއި، ހަކަތަ ރައްކާތެރިކުރުމުގެ ޕްރޮގްރާމްތަކަށް ވޯލްޑް ބޭންކްގެ އެހީތެރިކަން އިތުރަށް ހޯދުމުގެ މަގުތައް ވަނީ ހުޅުވިފައެވެ. މިފަދަ ބައްދަލުވުންތަކަކީ، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް މުހިންމު ފުރުސަތުތަކެކެވެ.