logo
banner image

މިދިޔަ މަހު އެކަނިވެސް 13 ބިދޭސީން އިމިގްރޭޝަނާ ހަވާލުކުރި: ފުލުހުން

މިދިޔަ މަހުގެ ތެރޭގައި 13 ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަން މާލެ ފްރަންޓްލައިން ޕޮލިސިންގެ ޑިޕާރޓްމަންޓުތަކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިކަން ހާމަވީ މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް މާލެ ފްރަންޓްލައިން ޕޮލިސިންގެ ޑިޕާރޓްމަންޓުތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތަފާސްހިސާބުތަކުންނެވެ.

މި ތަފާސްހިސާބުގައިވާ ގޮތުން ބިދޭސީންނާ ގުޅުން ހުރި މަސައްކަތްތަކުގެ ތެރެއިން ފުލުހުން ވަނީ 13 ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

އަދި މާލޭގައި ވަގަށް ގެންދިޔަ 69 ސައިކަލު މިދިޔަ މަހު ހޯދާފައިވާއިރު ކަމަށާއި އޭގެ އަގު 3.3 މިލިއަން ރުފިޔާއަށް އަރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ވަގަށް ނަގާފައިވާ 29 މޯބައިލް ފޯނު ފުލުހުން ހޯދިއިރު އެ ފޯނުތަކުގެ އަގު 202،375 ރުފިޔާއަށް އަރައެވެ.

ވަގަށް ނަގާފައިވާ 406،098 ރުފިޔާ ފުލުހުން ހޯދާފަވާއިރު މިއީ 26 މީހެއްގެ އަތުން ހޯދި ފައިސާއެވެ.

އަދި އިލެކްޓްރޯނިކް ސަމާނު 8 މީހެއްގެ އަތުން ހޯދިިއިރު އޭގެ އަގު 80،400 ރުފިޔާއަށް އަރައެވެ.

އަދި ވަގަށް ގެންދިޔަ 110،263 ރުފިޔާގެ އަގުހުރި އެހެނިހެން މުދާ ވެސް ފުލުހުން ވަނީ ފާއިތުވި މަހުގެ ތެރޭގައި ހޯދާފައެވެ.

މާލެ ފްރަންޓްލައިން ޕޮލިސިންގެ ޑިޕާރޓްމަންޓުތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު 45،380 ތަނެއް ޗެކްކޮށްފައިވާއިރު، 5،015 މީހުން މަގުމަތިން ހުއްޓުވައި ސުވާލުކޮށްފައިވެއެވެ.

އަދި އޭގެ ތެރޭގައި ކުށުގެ ރެކޯޑް އޮތް 4،833 މީހުން ހިމެނޭއިރު ކުށުގެ ރެކޯޑް ނެތް 182 މީހުންވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.