logo
banner image

ސައިބަރ ހަމަލާތަކާ ދެކޮޅަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ސެޝަންތަކެއް ބާއްވައިފި

ތ.އަތޮޅު ޕޮލިސްއާ ގުޅިގެން ތ.ވޭމަންޑޫ ސްކޫލުގެ ބެލެނިވެރިންނަށް ސައިބަރ ހަމަލާތަކާ ދެކޮޅަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ސެޝަންތަކެއް ބާއްވައިފިއެވެ.

މިއީ ތ. އަތޮޅުގައި މިހާރު ކުރިއަށްދާ ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.

މިސެޝަންގައި 02 ފިރިހެން އަދި 31 އަންހެން ބެލެނިވެރިން ބައިވެރިވެފައިވެއެވެ.

މި ސެޝަންތަކުގައި ވަނީ ސައިބަރކްރައިމްގެ ގޮތުގައި ޤާނޫނުލްޢުޤޫބާތުގައި ހިމެނޭ ކުށްތަކާއި އަދި ސައިބަރސްޕޭސްގައި ކުށްތައް ކުރާ ފަރާތްތަކުން ޓެކްނޮލޮޖީ މެދުވެރިކޮށް ހިންގާ ސައިބަރކްރައިމްތަކާއި، އެނޫންވެސް ކޮމްޕިއުޓަރ ސިސްޓަމް މެދުވެރިކޮށް ކުރާ ކުށްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

ސައިބަރ ހަމަލާތަކާ ދެކޮޅަށް ފުލުހުން ގިނަ މަސައްކަތްތަކއް ކުރަމުން އަންނައިރު ސްކޫލް ދަރިވަރުންނަށް ސައިބަރ ބުލީ ނުވަތަ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ގަނާކުރަމުން އައި ޕޭޖުތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދާދި ފަހުން ވަނީ ހުއްޓުވާފައެވެ.

ފުލުހުން ވިދާޅުވީ ސައިބަރ ބުލީގެ މިމައްސަލައަކީ، ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަ މައްސަލައެއް ކަމަށެވެ. އެގޮތުން، ސްކޫލް ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކެއް މިކަމުގެ ޝިކާރައަކަށް ވެފައިވާއިރު، މިފަދަ ޕޭޖްތައް އުފައްދައި، ހިންގަނީވެސް ގިނަ ފަހަރު ސްކޫލް ދަރިވަރުންކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިފަދަ ޕޭޖްތައް އުފައްދައި ހިންގާ ދަރިވަރުންގެ މައުލޫމާތު ވަންހަނާކޮށް، އެހެން ދަރިވަރުންނާއި ޓީޗަރުންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމާއި، މަލާމާތް ކުރުމާއި، ފުރައްސާރަ ކުރުމުގެ އިތުރުން ނަފްސާނީ ގޮތުން އަނިޔާ ލިބޭ ފަދަ އެތައް ލިޔުންތަކެއް އެ ޕޭޖްތަކުގައި ޝާއިއުކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ޕޭޖުތަކުގައި އެ މުއައްސަސާއިން ވަނީ އިންޒާރުގެ ޕޯސްޓުތައް ހިއްސާކޮށްފައެވެ. އެގޮތުން އެފަދަ އަމަލުތަކުގައި ހަރަކާތްތެރިވަމުން އަންނަ ކުދިންގެ މައްސަލަ ބަަލައި ރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވަނީ އިންޒާރު ދެއްވާފައެވެ.

މިހާރު ކުރިއަށްދާ ތަހުގީގަށް އެހީވުމުގެ ގޮތުން އެފަދަ ޕޭޖްތަކުގެ ޝިކާރައަކަށްވި ކުދިންގެ މައުލޫމާތު ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރާ ހިއްސާކުރަންވެސް މި ޕޭޖުތަކުގައި ފުލުހުން ހިއްސާ ކުރައްވާފައިވާ ޕޯސްޓުގައި ވަނީ އެދިވަޑައިގެންފައެވެ.