ފަސްދޮޅަސްހާހަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފި
ވަގަށް ނަގާފައިވާ ފަސްދޮޅަސްހާހަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މައްޗަންގޯޅި ގެއަކުން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، ބައެއް ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
މިދިޔަ މަހުގެ 29ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން، އޭގެ ތެރެއިން ބައެއް ތަކެތި ހޯދާފައިވަނީ މިދިޔަ މަހުގެ 30ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައެވެ.
އެ ގެއިން ވަގަށް ނެގި ތަކެތީގެ ތެރެއިން ފުލުހުންގެ މަސައްކަތުން މިހާތަނަށް ހޯދިފައިވާ ތަކެތީގެ ތެރޭގައި، އައިފޯނު، ލެޕްޓޮޕް، އެކި ބްރޭންޑުތަކުގެ އަވިއައިނު، ޕްރިންޓަރު،، އެކި ބްރޭންޑުތަކުގެ ހާޑު އަދި ސްޕީކަރުގެ އިތުރުން އަތުކުރީ ގަޑިއާއި އެހެނިހެން ތަކެތި ހިމެނެއެވެ. މި ތަކެތީގެ އަގު 60000 ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ވެރިފަރާތުން މައުލޫމާތު ދީފައިވެއެވެ.
އެ ގެއިން ވަގަށް ނަގާފައިވާ ތަކެތީގެ ޖުމުލަ އަގު 72000 ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ވެސް ވެރިފަރާތުން މައުލޫމާތު ދީފައިވެއެވެ. މި މައްސަލާގައި، މިހާތަނަށް ނުފެނިވާ ތަކެތި ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.