ޒިންމާދާރު ބެލެނިވެރިކަމާ ގުޅޭގޮތުން ކާމިލްދީދީ ޕްރީސްކޫލު ބެލެނިވެރިންނަށް މައުލޫމާތުދީފި
ޒިންމާދާރު ބެލެނިވެރިކަމާ ގުޅޭގޮތުން ކާމިލްދީދީ ޕްރީސްކޫލު ބެލެނިވެރިންނަށް މައުލޫމާތުދީފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދަޅުވީ ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް ސްކޫލުތަކުގެ ބެލެނިވެރިން ޒިންމާދާރު ކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެ ފޭސް 2ގެ ކާމިލުދީދީ ޕްރީ ސްކޫލު ބެލެނިވެރިންގެ ހޭލުންތެރިކަން އިތުރުކޮށް މައުލޫމާތު ދިނުމުގެ ގޮތުން ސެޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މިމަހު 29ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނަކީ ޒިންމާދާރު ބެލެނިވެރިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނާއި ކްރައިމް ޕްރިވެންޝަން ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
މި ސެޝަނުގައި، ޒިންމާދާރު ގޮތެއްގައި ބެލެނިވެރިކަމުގެ ދައުރު އަދާކުރާނެ ގޮތާއި ޒިންމާދާރު ބެލެނިވެރިއެއްގެ ކިބައިން ފެންނާނެ ސިފަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެންމެ ތުއްތު އިރުގައި ދަރިންނަށް ދެވޭ ތަރުބިއްޔަތަކީ ވަރަށް މުހިންމު އެއްޗެއްކަމާއި ދަރީންގެ ހަރަކާތްތައް ގާތުން ބަލައި މޮނީޓަރކޮށް ތުއްތު ދަރިންނަށް ވިސްނޭނެހެން އުމުރާ ގުޅޭގޮތަށް ރަނގަޅު ކަންކަން ބުނެދިނުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކުރިއެވެ.
އަދި ދަރީން ކުރާ ރަނގަޅު ކަންކަން ފާހަގަކޮށް އަބަދުވެސް ހިތްވަރުދޭންޖެހޭ ކަމާއި ދީނީ ކަންކަމަށް ދަރިންނަށް ބާރު އެޅުމަށް ނަސޭހަތްތެރިވިއެވެ.
އޭގެ އިތުރުން، ދަރިންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށާއި ދަރީން ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތަކާއި އެފަދަ ކަންކަން ހައްލުކުރެވޭނެ ގޮތްތަކާއި ދަރީން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް ގެންގުޅެވިދާނެ އުކުޅުތައް ބުނެދީ އަދި ދަރީން ބެލެހެއްޓުމުގައި ގާނޫނީ ގޮތުން ވިސްނަންޖެހޭ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ. އަދި ބެލެނިވެރިކަމުގެ ހުނަރުތަކާ ގުޅޭގޮތުން ހެދިފައިވާ އެކި ދިރާސާތަކުގެ މައްޗަށް އަލިއަޅުވައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އެ ސްކޫލުގެ 220 ބެލެނިވެރިން ބައިވެރިވި މި ސެޝަނުގައި ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބި އަދި ސެޝަނުގެ ތެރެއިން ލިބުނު މައުލޫމާތުތައް ބަލައިގަނެފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ އިތުރު ސެޝަންތަކެއް ކުރިއަށް ގެންގޮސްދިނުމަށް ބެލެނިވެރިން އެދިފައިވެއެވެ.