މިލަންދޫ ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި
ށ. އަތޮޅުގައި މިހާރު ކުރިއަށް ގެންދާ ރައްކާ ރޯޑް ޝޯވގެ ތެރެއިން މިލަންދޫ ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިލަންދޫ ސްކޫލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ. މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓް ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު އާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން ށ. އަަތޮޅު ކައުންސިލު ރައީސް މުޙައްމަދު ޝިހާމްއާއި މިލަންދޫ ސްކޫލު ޕްރިންސިޕަލް ޢަބްދުލް ޚަލީލް މުޙައްމަދުއާއި އެ ސްކޫލުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
މިމަހުގެ 20 އިން 26އަށް މިލަންދޫ ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމުގައި 36 ދަރިވަރުން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. މި ދަރިވަރުންނަށާއި ޓްރެފިކް ކޯޑިނޭޓަރުންނަށް ޓްރެފިކް ވެސްޓު އަދި ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ.

މި ޕްރޮގްރާމުގައި، ސްކޫލު ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ދަރިވަރުން ތަމްރީނުކޮށްފައިވެއެވެ. އަދި ޓްރެފިކް ބެލެހެއްޓުުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
ހަމައެހެންމެ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތައް ދަސްކޮށްދިނުމުގެ އިތުރުން
މުއާމަލާތުކުރުމުގެ ހުނަރުތައް ވެސް ދަސްކޮށްދީފައިވެއެވެ. މީގެ އިތުުރުން، ސެލްފް ޑިފެންސް ކުލާސްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.